ދިވެހިރާއްޖެ އަށް އދ.އިން ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް މިމަހުގެ 27 ވަނަ ދުވަހު ޓްވިޓާ އިން ފެނިވަޑައިގެންނެވީ މޯލްޑިވްސް ބްލަޑް ސާވިސް އިން ލޭ ބޭނުން ވެގެން ކޮށްފައިވާ ޓްވީޓެކެވެ. އެޓްވީޓް ފެނިވަޑައިގެންނެވުމުން ކެތަރިން އިއްޔެ ވަނީ ބްލަޑް ސާވިސް އަށް ވަޑައިގެން ލޭ ހަދިޔާ ކުރައްވާފައެވެ.

ލޭ ހަދިޔާ ކުރެއްވުމަށް ފަހު 15 މިނެޓް ހޭދަކުރައްވައިގެން ތިން ފުރާނައެއް ސަލާމަތް ކުރުމުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ފުރުސަތު ލިބިލެއްވި ކަމަށެވެ. ލޭ ހަދިޔާ ކުރެއްވެން ތިއްބެވި ހުރިހާ ފަރާތްތަކަކުން ވެސް ބްލަޑް ސާވިސް އަށް ވަޑައިގެން ލޭ ހަދިޔާ ކުރެއްވުމަށް ކެތަރިން އެދިވަޑައިގެންނެވިއެވެ. "އެނދުތައް ހުރީ ހުސްކޮށް. މިއީ ތިބޭފުޅުންނަށް ބޭނުން ވެފައިވާ ވަގުތު. ހާއްސަކޮށް އަޅުގަނޑުމެން ފަދަ އޯ+ ލޭ ހުންނަ ފަރާތްތަަކުގެ އެހީ ބޭނުން." ކެތަރިން ވިދާޅުވިއެވެ.

ރޯގާ އާއި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، އަނެއްކާ ވެސް ލޭ ހޯދުން ދަތިވެއްޖެ ކަމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން މިދިޔަ ހަފްތާގައި ވަނީ ބުނެފައެވެ. އާންމުކޮށް ލޭ ހަދިޔާކުރާ މީހުންނަށް ވެސް މި ދުވަސްވަރު ލޭ ހަދިޔާކުރަން ދަތިވެފައި ވަނީ ކޮވިޑާއި ރޯގާ ވެސް އިތުރުވާތީ ކަމަށް ބްލަޑް ސާވިސް އިން ބުނެއެވެ.

އުމުރުން 18 އަހަރު ވެފައިވާ ސިއްހަތު ރަނގަޅު ކޮންމެ މީހަކަށް އަހަރަކު ހަތަރު ފަހަރު ލޭ ހަދިޔާކުރެވޭނެ އެވެ. އެއީ އެ މީހެއްގެ ބަރުދަނުގައި 45 ކިލޯ އާއި ހިމޮގްލޮބިން ކައުންޓްގައި 12.5 ޕޮއިންޓު ހުންނަ ނަމަ އެވެ.