މާސީގެ ފަރާތުން އިއްޔެ ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގައި ރިކޯޑު އަދަދެއްގެ އާ ޑޯނަރުން ބައިވެރިވެއްޖެއެވެ.

އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މާސީން އިސް ނަގައިގެން ނޭޝަނަލް ތެލަސީމިޔާ ސެންޓަރާއި ގުޅިގެން އިއްޔެ ކުރިއަށްގެންދިޔަ މި ހަރަކާތް ކުރިއަށްގެންދިޔައީ “އަހަރުމެންގެ ލޭ – އެ ކުދިންގެ ފުރާނަ” މި ޝިއާރުގެ ދަށުންނެވެ.

މާސީގެ ނައިބު ރައީސް މަރިޔަމް ނިޔާޝާ ވިދާޅުވީ މި ކޭމްޕަކީ ބްލަޑް ބޭންކުން ލޭ ހުސްވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ބޭއްވި ކޭމްޕެއް ކަމަށެވެ. މި ކޭމްޕް ކުރިއަށް ގެންދިޔައީ އިއްޔެ ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް ތެލެސީމިއާ ސެންޓަރުގައެވެ.

 

މިއީ މާސީން އިސް ނަގައިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ބްލަޑް ކޭމްޕެވެ. ނަމަވެސް މީގެ ކުރިން ވެސް މާސީ އާއި އެހެން ޖަމިއްޔާތަކާ ގުޅިގެން މިފަދަ ހަރަކާތްތަކެއް ވަނީ ހިންގައިފައެވެ.

މިކޭމްޕްގައި 70 މީހުން ބައިވެރިވި ކަމަށް ޝުކުރުވެރިކަމާއެކު އޭނާ ވިދާޅުވިއެވެ. ނިޔާޝާ ވިދާޅުވީ މިއީ މުޅިން އާ ޑޮނާސް އިން ރެކޯޑް އަދަދަކަށް ލޭހަދިޔާ ކުރެއްވި ފުރަތަމަ ފަހަރު ކަމަށެވެ.

މި ކޭމްޕްގައި ބައިވެރިވި ބައެއް ކުދިން އެކިކަހަލަ ކަންކަމާ ހެދި ލޭ ހަދިޔާ ނުކުރެވި ދިޔަކަން ނިޔާޝާ ފާހަގަކުރެއްވިއެވެ

މާސީއަކީ 2018 ވަނަ އަހަރު ރާއްޖޭގައި ރަޖިސްޓަކޮށްގެން ކުރިއަށްދާ، ފުޅާދާއިރާއެއްގައި ބަލި މީހުންނަށް އެހީވާ އަމިއްލަ އެންޖީއޯ އެކެވެ.