ރޯދަ މަހު މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އެމްބީއެސް އިން ބުނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން 1444 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު އެ ސާވިސަސްއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މި ސާވިސަސް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން 03:00 އަދި ރޭގަނޑު 8:00 އިން 02:00 އަށެވެ.

އެގޮތުން އެޗް.ބީ ބެލުމާއި ކްރޮސްމެޗް ހެދުމަށް ސާމްޕަލްނެގުންގެ ޚިދުމަތް ހެނދުނު 9:00ން މެންދުރުފަހު 14:30 އަށް އަދި ރޭގަނޑު 20:00ން 00:00 އަށް ، ތެލެސީމިއާ ސްކްރީނިންއާއި ތެލެސީމިއާ ކާޑް ދޫކުރުމުގެ ޚިދުމަތް ހެނދުނު 09:15ން މެންދުރު 12:00 އަށް، ޑޯނަރުން ގައިން ލޭ ނެގުން ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް އަދި ރޭގަނޑު 20:00 އިން 1:000 އަށް ޑޯނަރުން ގައިން އެފެރެސިސްކޮށް ލޭ ނެގުން ހެނދުނު 9:00 އިން ، ބޭސް ދޫކުރުމުގެ ޚިދުމަތް ހެނދުނު 9:00 އިން މެންދުރުފަހު 14:30 އަށް އަދި ރޭގަނޑު 21:00 އިން 1:30 އަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ހަމައެއާއެކު، ޔުނިޓް-1 އަދި ޔުނިޓް-2 އަކުން ލޭ ގުޅައިދިނުމުގެ ޚިދުމަތް ހެނދުނު 9:00 އިން 9:30 އަށް ހުރިހާ އުމުރެއްގެ ކުދިންނަށް ލިބޭނެ އެވެ. އަދި ރޭގަނޑު 20:00ން 20:30ށް 12 އަހަރުން މަތީގެ ކުދިންނަށް އެ ޚިދުމަތް ލިބޭނެ ކަމަށް ބްލަޑް ސަރވިސްއިން ބުނެއެވެ.

މީގެ އިތުރުން، ބްލަޑް ސާވިސަސްއިން ބުނީ ޑޯނަރުން ގައިން ލޭ ނެގުމަށްފަހު، ކުއްޖާ ގައިން ހެނދުނު 12:00 ގެ ފަހުން ނަގާ ސާމްޕަލްގެ ކްރޮސްމެޗް ނިމޭނީ އެރޭ 22:30 ގައި ކަމަށެވެ. ރޭގަނޑު 22:30 ގެ ފަހުން ނަގާ ސާމްޕަލްގެ ކްރޮސްމެޗް ނިމޭނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 11:30 ގައެވެ. އަދި ޖެހިގެން އަންނަ ދުވަހަކީ ބަންދު ދުވަހެއް ކަމުގައިވާ ނަމަ ކްރޮސްމެޗް ހެދުމަށް ސާމްޕަލް ނެގޭނީ އެ ދުވަހުގެ 22:30 ގެ ކުރިން ކަމަށް އެ އިދާރާއިން ވަނީ ބުނެފައިއެވެ.

އެ ސާވިސްއިން ބުނީ ޑޮކްޓަރުން ބެއްލެވުން ހެނދުނު 9:00 އިން މެންދުރުފަހު 14:45 އަށް، ރޭގަނޑު 20:00 އިން 1:45 އަށް ކުރިއަށްދާއިރު، އައިޖީއެމްއެޗް ޓެސްޓްތައް ހެދުމަސް ސާމްޕަލް ނެގުމުގެ ޙިދުމަތް ހެނދުނު 9:00 އިން މެންދުރުފަހު 14:30 ހަމައަށް ލިބިގެންދާނެ ކަމަށެވެ.

ވީމާ، ރޯދަ މަހު ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ގަޑިތަކަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.