ކޮވިޑް-19 އާއި ގުޅިގެން ކ. ތުލުސްދޫ އާއި ދ. ކުޑަހުވަދޫ ކަރަންޓީން ކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ގެނެސްދިނުމަށް ސަރުކާރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ މަބްރޫކު އަޒީޒު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ތުލުސްދޫ އާއި ކުޑަހުވަދޫގެ އިތުރުން އެހެން 2 ރަށަކާއި ރިސޯޓެއް ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

"މޮނިޓަރިންގެ ހާލަތަށް މިހާރު ގެންދެވިފައިވާ އިތުރުތަންތަން އެބަހުރި. އޭގެ ތެރޭގައި ބ. ފުޅަދޫ، ދ. ކުޑަހުވަދޫ، ތުޅާގިރި އައިލޭންޑް ރިސޯޓު، ކ. ތުލުސްދޫ، ކ. ކުޑަވިލިނގިލި ހިމެނޭ" މަބްރޫކު ވިދާޅުވިއެވެ.

މިރަށްތައް ކަރަންޓީންކޮށްފައިވާއިރު، އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ރޭ ފެނުނު ފުރަތަމަ މީހާ 67 ވަނަ ވޭދަނަ (ކޭސް)އަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެއް ކަމަށާއި، އެ މީހާއަކީ ތުލުސްދޫ އާއި ކުޑަވިލިގިލީގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށް އަފްޒަލް ވިދާޅުވިއެވެ. އަދި އޭނާ މާލެއަށް ދަތުރުކުރިއިރު، ލޯންޗުން ދިމާވި ދިވެއްސަކު ވޭދަނަ 68 ވެސް ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް އަފްޒަލް ވިދާޅުވިއެވެ.

މިރަށްތަށް ކަރަންޓީން ކުރުމާއިއެކު، އެރަށްތަކަށް މީހުން އަރާފޭބުން ވަގުތީ ގޮތުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މީގެ ކުރިން ކަރަންޓީން ކޮށްފައިވާ ހދ. ނޮޅިވަރަމް، ރ. މުރަވަންދޫ، އަދި ރ. ބޮޑު ފޮށި މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށްވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

މާލެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ބައެއް މީހުން މާލޭގައި ތިބެފައި ރަށްރަށް ދިއުމުން އެޗްޕީއޭއިން ވަނީ އެ މީހުން 14 ދުވަހުގެ މުއްދަތަކަށް އެކަހެރިވުމަށް އަންގާފައެވެ. މީގެ އިތުރުން ބައެއް ރަށްރަށުން ވަނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބައެއް ފިޔަވަޅުތަކެއް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒިމްޒިމް

    ތިވެސް މަބްރޫކުމެން ހެދި އެއްޗެއް.. މާލެއިން ބަޔަކު ފައްސިވީމާ ފުރަތަމަ މާލެ ފުރަބަންދުކޮއްފަދޯ ޖެހޭނީ އެކަން އިއުލާންކުރަން.. އެދުވަހު 3:30 މާލެ ބަންދުކުރީ.. އޭރު އެތައްބަޔަކު ރާއްޖެތެރޭގެ ރަށްތަކަށް އަވަހަށްފުރާފި.. ޝައްކުވާ ހިސާބުން މާލެ ލޮކްޑައުން ކުރަންވާނެ..