ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރާ އެތައް ބިދޭސީންނެއް އަސާސީ ގިނަ ހައްގުތަކަކުން މަހުރޫމުވަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޙާލަތު އިތުރަށް ގޯސްވެފައިވާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ވަރަށް ގިނަ އަސާސީ ޙައްޤުތަކަކުން ބައެއް ބިދޭސީ މަސައްކަތްތެރިން މަޙްރޫމު ވެފައިވާކަން ފާހަގަކޮށް އެޗްއާރްސީއެމް އިން ބުނީ އެފަރާތްތަކުގެ އަސާސީ ޙައްޤުތައް ކަށަވަރުކުރުމަކީ މަސައްކަތްކުރުވުމަށް ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއަށް ގެންނަ ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ. އެގޮތުން، އެފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދީ، ކެއުންބުއިމުގެ ކަންކަން ހަމަޖައްސައިދިނުމާއި ބަލިވެއްޖެނަމަ ބޭސްކޮށް ދިނުންފަދަ އަސާސީ ކަންތައްތައް އޭގައި ހިމެނޭ ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

"ވީމާ، މި ދެންނެވި ޒިންމާތައް އަދާނުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާ އެފަދަ ފަރާތްތައް ޒިންމާދާރުކުރުވުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލަމެވެ. އަދި ހަމައެހެންމެ، ތަފާތު ސަބަބުތަކާހުރެ، ޞައްޙަ ލިޔެކިޔުން ނެތި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށްވެސް މިދަނޑުވަޅުގައި ފޯރުކޮށްދޭން ޖެހޭ އިންސާނީ އަދި އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް އިލްތިމާސްކުރަމެވެ،" އެޗްއާރްސީއެމްގެ ބަޔާނުގައިވެއެވެ.

އެޗްއާރްސީއެމް އިން އެގޮތަށް ބުނެފައިވާއިރު މިއަދު ސަރުކާރުން ވަނީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް ދިރިއުޅޭ 68 ބިދޭސީއަކު އިއްޔެ ރާއްޖެ އައިސްފައިވާ ބަންގްލަދޭޝް އެއާފޯސް މަތިންދާ ބޯޓުގައި އަނބުރާ ގައުމަށް ފޮނުވާލައިފައެވެ. މީގެއިތުރުން މި ދަނޑިވަޅުގައި ބިދޭސީންގެ ކެއުން ބުއިމުގެ ކަންކަންވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ. ހަމައެއާއިއެކު ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުން ގެންދާ ބިދޭސީންގެ ތެރެއިން 200 ބިދޭސީއަކު ސަރުކާރުން ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ. އެތަނުން ބިދޭސީންގެ ކެއުން ބުއިމާ ނިދުމުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޤައުމު

  މިފަދަ ހާލަތްތަކުގާ އިންސާނިއްޔަތުކަން ބަހައްޓަވާ ދިވެހިންނަކީ އަބަދުވެސް ހިތްހެޔޮބައެއް

  10
 2. ިމާސްކު

  ބިދޭސީން އެކަނިތޯ؟ ރައްޔިތުން ބޭނުންވެގެން މާސްކު ހަދައިދޭންވެގެން ހުއްދައެއް ލިބޭތޯ ސަލާންޖަހާތާ ތިންހަތަރުދުވަސް ވެއްޖެ. ޖަވާބެއް ދެވޭވަރުގެ އެއްވެސް އިންސާނަކު ނެތް.

  8
  1
 3. ފެކްޓް

  ދެންމެތޯ އެނގުނީ ބަޔަކު އިހުމާލު ވާކަން! ބިދޭސީންގެ ހާލަތު މިއަދު އެހެން އެއޮތީ ސަރުކާރު ތަކުން އެކަންކަމާ އަޅަނުލެވުނީމަ! އިހުމާލުވި މީހުންނަށް މީގެ ކުރިންވެސް ފިޔަވަޅު ނޭޅުނީމަ! ޒިންމާ ދާރުކަން ކުޑަ ވާހަކައެއް

  16
 4. ދިވެހިން

  ބަންގާޅިންދޯ މިގައުމުގައުޅެންވީ. އެމީހުންގެ ރަށުގައިތިބިނަމަ ތިކަންތައްތަކެއްނުޖެހޭނެ. ހުރިހާބަންގާޅުން ފޮނުވާލަން މޮމިޝަނުން ނުއުޅެނީކީއްވެ؟ ތިމީހުންނާހުރެ މިގައުމުމިދަނީ އިޅުވެތިވަމުން. ކޮމިޝަން ނިދިންހޭލަނީ ކޮންއިރަކުން؟