ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އިން މާލެ ސަރަހައްދަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ނާސިފް ވިދާޅުވެއްޖެއެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަކީ ތިލަފުށީ ކޯޕަރޭޝަނާއި ގުޅީފަޅު އިންވެސްޓްމަންޓް އެއްކޮށްލައިގެން ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މަސައްކަތްތަކާއި ބެހޭ ގޮތުން ޓީވީއެމްގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނާސިފް ވިދާޅުވީ އެކުންފުނީގެ މައިގަނޑު މަސައްކަތަކަށް ވާނީ ގްރޭޓާ މާލެ ސަރަހައްދުގެ އިންޑަަސްޓްރިއަލް މަސައްކަތްތައް ކުރުމާއި އެމަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާސިމް ކުރުން ކަމަށެވެ.

"ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މަސައްކަތްތަކުގެ ސަބަބުން އިޤުތިޞާދީ ސްޕީޑް ބާރު ވެގެން ދާނެ. ތިލަފުއްޓާއި ގުޅީފަޅުގައި އަޅުގަނޑުމެން މަސައްކަތްތައް ކުރިއަށް ގެންދަން ފެށުމުން މާލޭގެ ތޮއްޖެހުން ކުޑަ ވެގެން ދާނެ. ހާއްސަކޮށް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުން މާލޭގެ ޓްރެފިކާއި ކާރުބާރުބޮޑުވުން ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެން ދާނެ. ތިލަފުށިން އިތުރު ގުދަންތައް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުން އިތުރު ވަޒީފާގައި ފުރުސަތުތައް ހުޅުވިގެން ދާނެ. ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރުމުން މާލޭގެ ބިމުގެ އަގުތައް ދަށްވެގެން ދާނެ." ނާސިފް ވިދާޅުވިއެވެ.

ނާސިފް ވިދާޅުވީ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ލޭބާ ޕާކެއް ހެދުމުގެ މަސައްކަތް ގުޅީފަޅުގައި ކުރުމުން ބިދޭސީންގެ މައްސަލަ އަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

"މިފެންނަނީ ރައީސް ޔާމީންގެ ވިސްނުންފުޅާއި އެއްގޮތައް މާލޭގެ މުޅި ލޭންޑްސްކޭޕް ބަދަލުވެގެން ދިޔަ މަންޒަރު. 35 އަހަރު ވެގެން ދިޔައިރު ވަރަށް ގިނަ ކަންކަން ނުކުރެވި އޮތީ އޭރު ތިއްބެވި ވެރިންގެ ކިބައިގައި އެވިސްނުން ނެތުމުން." ނާސިފް ވިދާޅުވިއެވެ.

ނާސިފް ވިދާޅުވީ މިއަދު ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނާއި ހަމައަށް ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. "މިހާރު ރައްޔިތުން ބޭނުން ވަނީ މޫދަށް އެރޭ ސަރަހަައްދާއި، ޖިމްތަކާއި، ޕާކްތައް. މިއީ ރައީސް ޔާމީން ބޭނުންފުޅުވާ މިސްރާބަށް ދަތުރު ކުރެވޭ ކަމުގެ ވަރަށް ބޮޑު ހެއްކެއް." ނާސިފް ވިދާޅުވިއެވެ.

"30 އަހަރު ތެރޭގައި ރާއްޖޭގައި ވަސީލަތްތައް ބޭނުންކޮށްގެން ބޭނުންވާ ތަރައްޤީ ގެނެވިފައެއް ނެތް. އެއީ ދުރުވިސްނުން ނެތީމަ. އަދި ދުރުވިސްނުން ހުރި ނަމަވެސް ކަން ކުރަން ވެސް އެނގެން އެބަޖެހޭ. މިސަރުކާރުގެ ތަފާތަކީ ވިޝަނަރީ ލީޑަރަކު ހުރުން. ސަރުކާރަށް އެތައް ގޮންޖެހުންތަކެއް ހަތަރު އަހަރުތެރޭގައި އައިސްފި. މިކަންކަމުން ސަލާމަތްވާނެ ގޮތްތަކެއް ވަރަށް ކެތްތެރިކަމާއި ވިސްނުންތެރިކަމާއި އެކު ހޯއްދެވި މަންޒަރު މިފެނުނީ." ނާސިފް ވިދާޅުވިއެވެ.

ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް މިހާރު ކުރިއަށް ގެންދަވާ އެންމެ ގާތުން ކެމްޕޭންގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ނާސިފް ވިދާޅުވީ މެޑަމް ފާތުން އަކީ ރާއްޖޭގެ ތާރީޚް ނުދެކޭފަދަ މަހާރެހެންދިއެއް ކަމަށެވެ.

އެހެން ސަރުކާރުތަކުން މާބޮޑު އިސްކަމެއް ނުދެއްވި ބައެއް ކަންކަން މިސާލަކަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މެޑަމް ފާތުންގެ އިސްނެންގެވުމާއި އެކު މިހާރު ވަރަށް ބޮޑަށް ކުރިއަށްދާ ކަން ނާސިފް ފާހަގަ ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބުރަފަތި

  ގުރޭޓާ މާލެ ކިޔަނީ ފެން ވަރައިގެން ނިކުންނަ އިރައް ބޮލައް ޖަހަނީ ކުޅެއް ކަމެއް ނޫނީ މީހަކު ހީސްލީ ކަމެއްވެސް ނެއިނގި ބޮލައް އިމާރާތް ތަކުން ފެން ފައިބާތީތަ؟؟

 2. ޙަފްޞާ / މާލެ

  ރަށެއްގައި އަސާޖަހައިގެން ހިނގާ 3 ޒުވާނުން އެޙާލުގައި އުޅޭތާ 55 އަހަރާއި 20 އަހަރާ ދެމެދުގެ މުއދަތެއް ދިޔައިރު މިމަންޒަރު ލޮލަށް ފެނުނު ވެރިޔަކު ނައިސް ، ރައީސް ޔަމީންގެ ވެރިކަން ފެށި ދުވަސްތަކެއް ނުވެ މި ތިން ފަރާތަށްވެސް ވަނީ ރިޗާރޖެބަލް ގޮނޑި ލިބިފައެވެ. އެކަމަކު މީގެތެރެއިންވެސް ޝުކުރުވެރިނުވާމީހާ ގޮނޑިގައި ދުއްވާޙާލުގައިވެސް ބުނަނީ މީ ކޯންޗެއްހެއްޔެވެ؟

 3. ނުރަބޯ

  މިހުންނަނީ އިންސާފުވެރިކަމާއެކު ވިސްނާލައިފި ނަމަ އެންމެންނަށް ވެސް އެގޭނޭ ކަންކަމެވެ. ސަރުކާރުން އިޚްލާޞްތެރިކަމާއެކު ގެނެސް ދެއްވަމުންދާ ހަލުވި ތަރައްގީ ގެ ފިޔަވަޅުތަކުން ލިބިގެންދާ ލާބަ އާއި މަންފާ އަކީ ތިމަތިމާމެންނާ ޢާއިލާތަކަށް އޭގެއިން ފާގަތިކަން ގެނެސްދޭނެ ކަންކަމަށްވީއިރު އެއްވެސް ގާބިލްކަމެއް އުއްމީދެއް އަދި އިތުބާރެއްނެތް ބައެއްގެ ފަހަތުން ދުވުން ހުއްޓާލާފަ ޙަގީގަތާ ކުރިމަތިލުން ނޫންތޯ ހަމަ އެއްމެ މޮޅުގޮތަކީ....؟؟؟

 4. އަލީ

  މަށަށް ތިލަފުށީގަ އަޅާނެކަމަށް ތިބުނަމުންދާ މާލޭގެ ވިޔަފާރިބަނދަރުގެ މަސައްކަތް މާބޮޑަށް ލަސްވެއްޖެ. އެފަދަ ބަނދަރެއް މާލެއަށް ބޭނުންވެފަ އޮންނަތާ ލައްކައަހަރު ވެއްޖެ.