ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 6 މީހަކު ފައްސިވެއްޖެ އެވެ. މިއާއެކު ރާއްޖެއިން މި ވައިރަސްއަށް ފައްސިވި މީހުންގެ އަދަދު ވަނީ 256 އަށް އަރާފައެވެ.

އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަކޮށްފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިންނެވެ. އެޗްޕީއޭ އިން ހާމަކުރި މައުލޫމާތުތަކުން ދައްކާގޮތުން އެންމެ ފަހުން ރާއްޖެއިން މި ވައިރަސް އަށް ފައްސިވެފައިވަނީ ފަސް ދިވެހިންނާއި ޕާކިސްތާނު މީހެކެވެ.

މި އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެޗްޕީއޭ އިން ވިދާޅުވެފައި ވެއެވެ.

މިއަދު ފައްސިވި ހަ މީހުންގެ ތެރެއިން ޕާކިސްތާނު މީހާއަކީ އަންހެނެކެވެ. އަދި މިއަދު ފައްސިވި މީހުންގެ ތެރޭގައި 13 އަހަރުގެ ފިރިހެން ކުއްޖަކުވެސް ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނުނުތާ މިއަދަށް 53 ދުވަސް ވަނީ ވެފައެވެ. ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ފައްސިވެފައި ވަނީ ކުރެއްދޫ ރިސޯޓުންނެވެ.

އަދި މާލެ އިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ބަޔަކު ފައްސިވެފައި ވަނީ އޭޕްރިލް 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުވެސް މާލެ އިން ދަނީ ކޮވިޑް-19 ޖެހިގައިވާ މީހުން ފެންނަމުންނެވެ.

މީގެ އިތުރުން މާލެ ދަތުރުކުރާ ށ.ނަރުދޫގެ "އަމާޒު" ބޯޓުގެ ކެޕްޓަން ހިމެނޭހެން ނަރުދޫންއިން އަށް މީހަކާއި އަމާޒު ބޯޓުގައި ދަތުރުކުރި އެ އަތޮޅު މިލަންދޫ މީހަކު ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އަދި މާލޭގައި ހުރެފައި އުލިގަަމަށް ދިޔަ މީހަކުވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މާލެ އިން ކޮވިޑް-19 ފެނުމާއި ގުޅިގެން މާލެ ސިޓީ ފުރަބަންދުކޮށްފައިވާއިރު، މިއަދުގެ ވަގުތެއްގައި އިތުރު 14 ދުވަހުގެ މުއްދަތަކަށް ފުރަބަންދު މުއްދަތު ވަނީ އިތުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު