ދައުލަތުން އުފުލާފައިވާ ދައުލަތް ހިންގުމަށް ހުރަސްއެޅުމުގެ ދައުވާއަކީ "ފްލޯކް" ދައުވާއެއް ކަމަށާއި މި މައްސަލަ ކްރިމިނަލް ކޯޓަށް ނުބެލޭނެކަމަށް އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތް ހިންގުމަށް ހުރަސްއެޅުމުގެ ދައުވާގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަމަށް ބަހުސް ކުރުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މިއީ ޖިނާއީ އިޖުރާއަތުގެ ދަށުން ހިންގާ ޝަރީއަތެއްކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ނުކުރެވޭ ކަމަށާއި، މިއީ "އާބިޓްރަރީ" ކޮށް ކުރިއަށް ގެންދާ ގާނޫނާ ގަވާއިދާ ހިލާފު ޝަރީއަތެއް ކަމަށެވެ. އަދި މިއީ ހިޔާލީ، ފްކޯލް ދައުވާއެއް ކަމަށާއި، މި ދައުވާއަކީ އެމަނިކުފާނާއި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އަގު ވައްޓާލުމަށް ކޮށްފައިވާ ދައުވާއެއް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ތުހުމަތު ކުރެއްވިއެވެ.

މި ދައުވާއަކީ އުއްތަމަ ފަނޑިޔާރު ފްރޭކް ކޮށްގެން ކޮށްފައިވާ ދައުވާއެއް ކަމަށާއި، މި ދައުވާގެ ސަބަބުން ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމްގެ އަގު ވެއްޓިގެން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ޖެމްސް (ގަވަރމެންޓް އީލެޓަރ މެނޭޖްމަންޓް ސިސްޓަމް) ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް ބުނެ ދައުލަތުން ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތް ހިންގުމަށް ހުރަސްއެޅުމުގެ ދައުވާ ކޮށްފައިވާއިރު، މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ޖެމްސް ނިޒާމް ހުއްޓުމަކަށް އައިކަން އޭނާ "ނުދެނަހުރި" ކަމަށާއި، އެ ކޯޓުގެ ކޯޕަރޭޓް ސަރވިސަސްގެ ވެރިންވެސް އޭނާއަށް އެފަދަ މައްސަލައެއްގެ ރިޕޯޓްވެސް ކޮށްފައި ނުވާކަމަށެވެ.

2018 ފެބުރުވަރީ 4 އަދު 5 ވަނަ ދުވަހު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނަވައިގެން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ޖެމްސް ނިޒާމް ހުއްޓުވއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ދިވެހި ދައުލަތް ހިންގުމަށް ހުރަސްއަޅާފައިވާކަން ސާބިތު ކުރުމަށް މިއަދު ދައުލަތުން ވަނީ 7 (ހަތެއް) ހެއްކެއް ހުށަހަޅާފައެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ކުރާ ދައުލަތް ހިންގުމަށް ހުރަސްއެޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ހެނދުނު ބާއްވާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހަވީރު 05:00 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކުރެވިފައިވެއެވެ. މީގެ އިތުރުން އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން އުފުލާފައިވެއެވެ.