ރ. ވާދު އަށް އައި ކޮޅިގަނޑެއްގައި އެ ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ވާދޫ އިން ވާހަކަ ދެއްކި މީހަކު "ވަގުތަށް" ބުނީ ރޭ ފަތިހު އައި ކޮޅިގަނޑުގައި އެ ރަށުގައި ހުރި ގިނަ ގަސްތަކެއް ވެއްޓިފައިވާ ކަމަށެވެ. އޭގެތެރޭގައި އެ ރަށުގައި ވަރަށް ގިނަ ދުވަސްވަންދެން ހުރި ބިޔަ ބޮޑެތި ބައެއް ގަސްތައް ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

ވާދޫ ގެއެއްގެ ފުރާޅު އެއްލާލާފައި.

އަދި ބައެއް ގޭގޭގެ ފުރާޅު އެއްލާލައި، ގެތަކަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމީހާ ބުންޏެވެ.

"ބޮޑެތި ޖަނބުރޯލު ގަސްތަކާއި ބަނބުކެޔޮ އަދި ބައެއް ރުއްތައް ވަނީ ވެއްޓިފައި. ބޮޑަށް ބެލެވޭ ގޮތުގައި ނަގޫ ރޯޅިއެއްގެ އަސަރު ކުރީ ކަމަށް،" އެމީހާ ކިޔައި ދިނެވެ.

ވާދޫ އަށް ލިބުނު ގެއްލުންތައް.

ކޮޅިގަނޑުގައި ވާދޫން ގެއްލުން ލިބުނީ ހަތަރު ވަރަކަށް ގެއަށެވެ. އަދި ދޯނި ބަންނަ ހަރުގެތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ބަނދަރުގައި ހުރި ނެރު ބައްތިއެއް ވެއްޓިފައިވާ އިރު، ޕީޕީއެމް ޖަގަހައިގެ ލައުޑް ސްޕީކަރު ބަހައްޓަން ހަދާފައި ހުރި ޓަވަރު ވެސް ވެއްޓިފައިވާ ކަމަށްވެއެވެ.

ރަށު ކައުންސިލުން މިހާރު ވަނީ ރަށަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ފަހު، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.

ވާދޫގައި ހުރި ބައެއް ގެތައް ވެއްޓުމާ ގުޅިގެން އެ ރަށުގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ކައުންސިލާއި ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.

https://www.facebook.com/vaadhoo.council/videos/639951310193037/