ޓްރީޓޮޕް އަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވި ކަމަށް ޑޮކްޓަރު އިބްރާހީމް އަފްޒަލް އަށް ވިދާޅުވެވުނު ވާހަކަ ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ދޮގު ކުރައްވައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ އެމީހާ ޑޮކްޓަރަށް ދައްކަން ދިޔައީ އެހެން ބައްޔަކަށް ކަމަށެވެ. ނަމަވެސް އޮންނަ އުސޫލުގެ ދަށުން އެމީހާ ކޮވިޑަށް ޓެސްޓު ކުރީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމީހާގެ ޓެސްޓުން ފައްސިވެފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ދިނުމަށް ނޫސްވެރިޔައަކު ސުވާލު ކުރުމުން ކޮވިޑް-19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާއަކީ ކުރިންވެސް ކޮވިޑް-19 އަށް ފައްސިވެފައިވާ މީހެއް ކަމަށެވެ. އަދި އެމީހާ އަކީ ކުރިން ޑީއެޗް-11 ގައި އޮތް ބަލި މީހެއް ކަމަށާއި އެމީހާ ޓްރީޓޮޕް އަށް ބަދަލު ކުރެވުނީ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ މިހާރު ކޮވިޑް-19 އަށް ހާއްސަ ކޮށްފައިވާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލާއި މޯލްޑިވްސް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީއާ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިހާރުވެސް އެ ހޮސްޕިޓަލުގައި ކޮވިޑް ޖެހިފައިވާ 11 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.