ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ރޯދަ ވިއްލުމެއް ދިނުމުގެ ގޮތުން އިފްތާރު ޕެކޭޖް ހަދިޔާކުރުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭ ގޮޮތުން މައުލޫމާތު ދެމުން އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަން ހެޑް މުހައްމަދު އަލީ ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ޕެންޑެމިކް ހާލަތާއި ގުޅިގެން ވަރަށް އުނދަގޫ ހާލަތެއްގައި ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، މީގެކުރިން އެތައް އަހަރެއް ވަންދެން ހަމަނުޖެހުމާއި ފަޤީރު ހާލަތުގައި ދިރިއުޅެމުންދިޔަ ފަރާތްތަކުން މިއަދު އުޅެމުންދަނީ މާދަތި ހާލަތެއްގައި ކަމަށެވެ.

މީގެއިތުރުން، އެހެން އަހަރުތަކޭ އެއްގޮތައް ރަމަޟާން މަހާއި ދިމާކޮށް ކުރިޔަށް ގެންދާ ލޮތްބާއެކު ކެމްޕޭނު މި އަހަރު އަމާޒުކޮށްފައިވަނީ ދުނިޔަށް ކުރިމަތިވެފައިވާ ޕެންޑެމިކް ހާލަތާއި ގުޅިގެން ކަމުން، މިއަހަރުގެ ކެމްޕޭން ކުރިޔަށް ގެންދަނީ ލޮތްބާއެކު 2020 ޕެންޑެމިކް ރިލީފްގެ ނަމުގައިކަަމަށް އޭނާ ވިދާޅުވިއެވެ.

އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަން ހެޑް ވިދާޅުވިގޮތުގައި އިފްތާރު ޕެކޭޖް ހަދިޔާ ކުރުމުގެ ބަޔަކީ ލޮތްބާއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނުގެ ތެރޭގައި ހިމެނޭ ބައެކެވެ.

އައިއޭސީއިން މަޢުލޫމާތުދޭގޮތުގައި ދިވެހި ރައްޔިތުންގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް އައިއޭސީއިން އެހީވުމަށް ކަނޑައަޅާފައިވާ 6 ޤައުމުގެ ތެރެއިން ކޮންމެވެސް އެއް ޤައުމެއްގެ އެންމެ މަދުވެގެން 50 ފަރާތެއްގެ އެއް ދުވަހުގެ ރޯދަ ވިއްލުމެއް ހަދިޔާ ކުރުމުގެ ފުރުސަތު އެބައޮތެވެ. އައިއޭސީއިން ރޯދަ ވިއްލުމުގެ ޕެކޭޖްތައް ތައްޔާރު ކުރަނީ އެހީ ވުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދަކަށް 100 މީހުންނަށް ވާވަރަށް އިފްތާރު ޕެކޭޖް ހަމަވުމުންނެވެ. މީގެއިތުރުން، ރޯދަ ވިއްލުން ހަދިޔާކުރުމުގެ ޑޮނޭޝަން ނަގަނީ މަދުވެގެން 50 ފަރާތެއްގެ ރޯދަ ވިއްލުން ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުގެ ފަރާތުންކަން އައިއޭސީއިން ހާމަކުރެއެވެ.

މުހައްމަދު އަލީ ވިދާޅުވީ އިފްތާރު ޕެކޭޖް ހަދިޔާކުރުމުން ފަގީރު ހާލުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ވަރަށް ބޮޑު ހަދިޔާއަކަށް ވެގެން ދާނެ ކަމަށެވެ.

މީގެއިތުރުން އެ ފަރާތްތަކަށް ދުނިޔޭގެ ކޮންމެވެސް ބަޔަކު އެ ފަރާތްތަކާއި މެދު ވިސްނަމުންދާކަން އިޚްސާސްވާނެ ކަން މުހައްމަދު އަލީ ހާމަކުރެއްވިއެވެ. އައިއޭސީއިން އިފްތާރު ޕެކޭޖް ހަދިޔާ ކުރުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދަނީ މި ރަމަޟާން މަހު ފަޤީރުންނަށް އެހީވުމުގައި ގިނަ ބަޔަކު ޝާމިލްކުރުމުގެ ބޭނުމުގައެވެ.

އިފްތާރު ޕެކޭޖް ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކުން އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 އަށް ގުޅައިގެން މައުލޫމާތު ސާފް ކުރެވޭނެއެވެ. މީގެއިތުރުން، މި ކެމްޕޭނަށް ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އައިއޭސީގެ އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް މި ކެމްޕޭނަށް ޑޮނޭޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިހާތަނަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުގެ ފަރާތުން ވަނީ ތުރުކީގެ ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ ސީރިއާގެ ރެފިއުޖީންނަށް 500 އިފްތާރު ޕެކޭޖް ހަދިޔާކޮށްފައެވެ. މި 500 އިފްތާރު ޕެކޭޖަކީ ދިވެހިންތަކެއްގެ ހެޔޮއެދުމާއިއެކު ހަދިޔާކޮށްފައިވާ ޕެކޭޖްތަކެކެވެ.

އައިއޭސީއިން ކުރިޔަށްގެންދާ ލޮތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް ގިނަ ބަޔެއްގެ ތަރުޙީބު ލިބިފައިވާއިރު، މި ކެމްޕޭނުގެ ތެރެއިން ޖުމުލަ 60 ޑޮލަރަަށް 6 މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހުގެ ކާބޯތަކެތީގެ އިތުރުން އެއް މަހުގެ ހައިޖީން ޕެކެއް ދެވޭނެ އިންތިޒާމް ހަމަޖައްސާފަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ❤❤

    އިންސާﷲ އަހަރެން އެހީވާނަން އަހަރެންނައް ވެވުނު ވަރަކުން

    16
  2. މ

    Alhamdhulilahi ?

    10
  3. ަެއަލީ ބޭބެ

    ކުޑަކުދިން އެޑޮޕްޓް ކުރެވޭނެ ނަމަ ކިހާ ރަނގަޅު،

    18
    1
  4. ސަހީ

    ތިހެން އެހީ ދޭ އިރު ދީބަލަ ގެޔަކައް ބަސްތާ ހަކުރު ހަނޑޫ ފުއް މަސްދަޅުކޭސް ތެޔޮކެސް
    އޭރުން އެމީގުންނައް ހާދަ ދުވަހެއްގެ ކާނާއޭ އެދެވުނީ

  5. ގުރޭ

    ❤❤❤

  6. ❤❤

    ﷲ އައް ސުކުރު ކުރަނަ