ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަނެއްކާ ވެސް ދޫނިދޫ ޖަލަށް ބަދަލުކޮށްފިއެވެ.

33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ގެންދާ މީގެކުރިން ހުންނެވީ މާފުށީ ޖަލުގައެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން މާފުށީ ޖަލަށް އައި ކުއްލި ޙާލަތާއި ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން އަދީބު ފުލުހުންނާ ޙަވާލުކޮށް ދޫނިދޫއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި ކަރެކްޝަނަލް ސަރވިސްއިން ކުއްލި ޙާލަތު ހިންގަނީ ހަމައެކަނި އަދީބަށްތޯ ނަޝްވާ ވަނީ ސުވާލު އުފައްދަވާފައެވެ.

އަދީބު މާފުށީ ޖަލަށް ބަދަލުކުރީ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ އަދީބު އާއި އިތުރު ސިޔާސީ ފަރާތްތަށް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެންނެވެ.

ފެބުރުއަރީ އެކެއްގެ އަމުރާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގުގެ ސިއްރު ބަޔާންތަކެއް ލީކުވެފައިވާ އިރު އެ ބަޔާންތަކުން އެނގޭ ގޮތުގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ދޫނިދޫގައި ތިބި ފުލުހުންނަށް އަމުރު ކުރުން ދެތިން މިނެޓް ލަސްވި ނަމަ އަދީބު މިނިވަންވާނެކަން ވަނީ ހާމަވެފައެވެ.

އެގޮތުން އެރޭގެ އަމުރާއި ގުޅިގެން އަދީބު މާލެ ގެނައުމަށް ދޫނިދޫ ބަނދަރުގައި އޮތް ލޯންޗަށް އޭނާ އަރުވައި ލައިފް ޖެކެޓް ވެސް އެޅުވިކަން ބަޔާންތަކުން ވަނީ ހާމަވެފައެވެ. ނަމަވެސް ފަހުން ފުލުސް އޮފިސަރަކު ވަނީ މާލޭގެ ހާލަތު އޮތް ގޮތުން އަދީބު މާލެ ގެންދެވެން ނެތް ކަމަށާއި ލޯންޗުން އޭނާ ބޭލުމަށް އަންގާފައެވެ.

ލޯންޗުން ބޭލުމުން އެނބުރި ގޮޅިއަށް ވަޑައިގަންނަވަން އަދީބު ދެކޮޅު ހެއްދެވިކަން ވެސް ލީކުވި ބަޔާންތަކުން ވަނީ ހާމަވެފައެވެ.