އަންނަ ސީޒަނުގައި ބރދއ ބާސެލޯނާގައި މަޑުކުރަން ބޭނުންވާ ކަމަށް ފްރާންސްގެ ޒުވާން ޑިފެންޑަރު ކްލެމެންޓް ލެންގްލޭ ބުނެފިއެވެ.

ސެވިއްޔާގައި މޮޅު ކުޅުމެއް ދެއްކި ފްރާންސްގެ ޑިފެންޑަރު ލެންގްލޭ ބާސެލޯނާ އަށް ބަދަލުވީ މީގެ ދެ އަހަރު ކުރިންނެވެ. އޭނާ ކޭމްޕް ނައު އަށް ބަދަލުވީ 34 މިލިއަން ޔޫރޯގެ ފީއެއްގެ ދަށުން ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ބާސާ އާއެކު ހޭދަކުރި ދެ ސީޒަނުގައިވެސް އުމުރުން 24 އަހަރުގެ ޑިފެންޑަރު ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

މި ސީޒަނުގެ ބޮޑު ބައެއްގައި ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ލިބުނު ނަމަވެސް އެރްނެސްޓޯ ވަލްވާޑޭ ވަކިކޮށް ބާސެލޯނާގެ ކޯޗުކަމާ ކީކޭ ސެޓިއެން ހަވާލުވި ފަހުން ޓީމުގައި ލެންގްލޭގެ މަގާމަށް ޕްރެޝަރު ބޮޑުވިއެވެ. އެގޮތުން ލެންގްލޭގެ ބަދަލުގައި ސެޓިއެންގެ ފަސްޓް ޗޮއިސް ޑިފެންޑަރުންގެ ގޮތުގައި ޖެރާޑް ޕީކޭއާއެކު ޓީމަށް ގިނައިން ނަގާފައިވަނީ އަނިޔާއިން އެނބުރި އައި ފްރާންސްގެ ސަމުއެލް އުމްޓިޓީއެވެ.

އުމްޓިޓީގެ އެނބުރި އައުމާއެކު ފުރަތަމަ އެގާރައިން ފުރުސަތު ލިބުމުގައި ލެންގްލޭ އަށް ހުރަސްތަކަކާ ކުރިމަތިވިޔަސް އޭނާ ހުރީ އެ މަގާމަށް މަސައްކަތް ކުރަން ތައްޔާރަށެވެ. ލެންގްލޭ ބުނީ ބާސާއާއެކު ހޭދަކުރި ދެ ސީޒަނަކީ ކާމިޔާބު ދެ ސީޒަން ކަމަށާއި ކްލަބް ބަދަލު ކުރުމުގެ އެއްވެސް ހިޔާލެއް މި ވަގުތަކު ނެތް ކަމަށެވެ.

“ފުޓްބޯޅަ ކުޅުންތެރިޔަކަށް ވާތީ މުސްތަގްބަލުގައި ވާނެ ގޮތެއް ބުނަން ނޭނގޭނެ. އެކަމަކު އަހަރެން އުއްމީދު ކުރަނީ އަންނަ ސީޒަނުގައިވެސް އަހަރެން ފެންނާނީ ބާސާ އިން ކަމަށް. މި ސީޒަނުގައި އަހަންނަށް ވަރަށް ރަނގަޅަށް އެބަ ކުޅެވޭ. ފަހުން ފުރަތަމަ އެގާރައިން ބާކީވީ ވަރަށް ގިނަ ސަބަބުތަކާ ހެދި. އާ ކޯޗެއް އައީ އަނެއްކޮޅުން އުމްޓިޓީ އަށް ލިބުނު ފުރުސަތުގައި އޭނާ ވެސް މޮޅަށް ކުޅުނު. އެކަމަކު ކްލޭސިކޯ ނުކުޅެވުމުން ދެރަވި. އެއީ ކުޅުންތެރިޔެއްގެ ހަޔާތުގަައި އާންމު ކަމެއް. ކޮންމެއަކަސް ޓީމުން ޖާގައަކަށް މަސައްކަތް ކުރަން އަހަރެން މިހިރީ ތައްޔާރަށް، “ ލެންގްލޭ ބުންޏެވެ.

ކޮރޯނާ ވައިރަހާ ހެދި މެދުކަނޑާލާފައިވާ ސްޕެނިޝް ލީގު ޖޫން މަހުގެ 12 ވަނަ ދުވަހު ފެށުމަށް ލަލީގާ އިން އަންނަނީ މަސަތްކަތް ކުރަމުންނެވެ. މިދިޔަ މާޗް މަހު ކުޅުން މެދުކަނޑާލިއިރު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ބާސެލޯނާ އެވެ.