އެ ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ، ގާތުން ނުދެވި ގިނައިރުތަކެއް ވެފައިވުމާއެކު ރޯތީ، އާއިލާއަށް ގޮތްހުސްވުމުންނެވެ. މި ދުނިޔެއަށް ފަހުނޭވާ ދޫކޮށްލުމާއި ހަމައަށްވެސް އެ ހާލަތަށް ބަދަލެއް ނާދެއެވެ. ގިސްލުމުގެ އަޑު ކެނޑެންދެން އެ ތުއްތު ހަށިގަނޑާއި ފުރާނަ ހަނގުރާމަކުރިއެވެ. އެހެނަސް އެއީ އެވަރު ކަމެއްކަން އެނގުނުއިރު މާލަސްވެއްޖެ އެވެ.

"ކުއްޖާގެ ހާލަތު ބަދަލުވުމާއި ގުޅިގެން ފުރާނަ ސަލާމަތްކުރުމަށްޓަކައި، އިމަޖެންސީ ފިޒީޝަން އަކާއި، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންނާއި، އޮޕަރޭޝަން ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުން ފަރުވާ ދެއްވެވި .. ނަމަވެސް އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތް ވަނީ ނުވެފައި" ކުއްޖާ ނިޔާވި ހާދިސާ އާއި ގުޅިގެން އޭޑީކޭއިން ބުނާ ވާހަކަ އަކީ މިއީއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، އުމުރުން އެންމެ ހަތަރު މަސްވީތަނާހެން އެ ތުއްތު ކުއްޖާ ނިޔާވީ ފަރުވާދެމުން ދަނިކޮށް ކަމަށް އޭޑީކޭއިން ބުނެފައި ވީނަމަވެސް، ހާދިސާ އާއި ގުޅިގެން ހޮސްޕިޓަލުން އާއިލާގެ ކިބައިން މަޢާފަށް އެދުނުކަން ވަނީ ހާމަވެފައެވެ.

މިކަމާއި ގުޅިގެން "ވަގުތު" އަށް މަޢުލޫމާތު ދިން އެ އާއިލާގެ މެމްބަރަކު ބުނެފައި ވަނީ، ކުއްޖާ ނިޔާވުމުން އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. އަބްދުﷲ ނިޔާފް މަޢާފަށް އެދިވަޑައިގެން، އެގޮތަށް ދިމާވުމުން ހިތާމަކުރައްވާކަން ހާމަކުރެއްވި އެވެ.

"ޑރ. ނިޔާފް ވިދާޅުވީ، މަސައްކަތްކުރައްވާ ތަނެއްގައި އެގޮތަށް ކުއްޖަކު ނިޔާވުމުން ހިތާމަކުރާ ކަމަށާއި، އެކަމާއި ގުޅިގެން މަޢާފަށް އެދޭ ކަމަށް،" އާއިލާގެ ފަރާތުން މަޢުލޫމާތު ދިން މީހާ ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނިގޮތުގައި، އެ ތުއްތު ކުއްޖާ ނިޔާވިފަހުން އޭޑީކޭއިން އިތުރު ޓެސްޓުތަކެއް ހަދަން އެދުނެވެ. ނަމަވެސް ކުއްޖާގެ ބައްޕަ އެކަމާއި ދެކޮޅު ހެދި ކަމަށާއި، "ނިޔާވުމުން ކުއްޖާއަށް އަނިޔާވެދާނެ އެއްވެސް ޓެސްޓެން ހަދަން ބޭނުން ނުވާ ކަމަށް" ކުއްޖާގެ ބައްޕަ ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެނގިފައިވާ ގޮތުން އޭޑީކޭއިން ފަހުން ހެދި ސްކޭނަކުން، މި ހާލަތު މެދުވެރިވިއިރު އެކުއްޖާގެ ގޮހޮރު ބެދިފައި ހުރިކަން ހާމަވެފައި ވެއެވެ. ގާތުން ކިރުނުދެވި ގިނައިރުތަކެއް ވެގެންދިޔަ ސަބަބަކީ މިއީ ކަމަށް ބެލެވުނު ނަމަވެސް، ކުއްޖާ ނިޔާވީ ސީދާ މިކަމާއި ގުޅިގެން ކަމެއް އަދި ނޭނގެއެވެ. ސްކޭނަށްފަހު ޑޮކްޓަރުން އާއިލާ އާއި މިކަން ޙިއްސާކޮށްފައިވާ ކަމަށް މަޢުލޫމާތުދިން ފަރާތުން ބުނެފައި ވެއެވެ.

"ގޮހޮރު އޮތީ ބެދިފައޭ ޑޮކްޓަރުން ވިދާޅުވި. އެކަމަކު ނިޔާވި ސަބަބަކީ އެއީ އޭ ދެންނެވެން އަދި ނެތޭ ވިދާޅުވީ. ޑރ. ނިޔާފް ވިދާޅުވީ އޮޕަރޭޝަން ކުރެވުނު ނަމަ ކުއްޖާ ސަލާމަތް ކުރެވުނީސް ކަމަށް،"

އާއިލާއިން މަޢުލޫމާތު ދިން މީހާ ބުނިގޮތުގައި މިގޮތަށް ދިމާވުމުން، އޭޑީކޭގައި އެންމެ އެކަށީގެންވާ ގޮތެއްގައި ކުއްޖާއަށް ފަރުވާ ދެވިފައިނުވާ ކަން ޤަބޫލުކުރައްވާކަން ޑރ. ނިޔާފްވެސް ވަނީ ހާމަކުރައްވާފައެވެ. އަދި އެ ހާލަތު މެދުވެރިވީ، އިމަޖެންސީގައި ކުއްޖާ ބެއްލެވި ޑޮކްޓަރަށް، އެކުއްޖާގެ ހާލު ސީރިއަސް ކަމަށް ނުފެނުމުން ކަމަށް ނިޔާފް ވިދާޅުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މި ހިތާމަވެރި ހާދިސާ އާއި ގުޅިގެން އޭޑީކޭއިން ވަނީ ތަހުޤީޤެއް ކުރިޔަށްދާކަން ހާމަކޮށްފައެވެ. އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުއްޖާ ނިޔާވުމުގެ ކުރިން އިމަޖެންސީގައި އެކުއްޖާއަށް ފަރުވާދެމުން ދިޔަ ކަމަށާއި، އެގޮތުން ފަރުވާދެމުން ދިޔައީ ސްޕެޝަލިސްޓުންގެ ލަފަޔާއި އެއްގޮތަށް ކަމަށެވެ.

އެކަށީގެންވާ ފަރުވާ ލަސްވެ ކުއްޖާ ނިޔާވިކަން ޑޮކްޓަރުންވެސް ވިދާޅުވިކަމަށް އެކުއްޖާގެ އާއިލާއިން ބުނެފައި ވާއިރު، އެންމެ ފުރަތަމަ ކުއްޖާއަށް މައްސަލަ ދިމާވެގެން ދައްކާފައި ވަނީ ވެސް އޭޑީކޭއަށެވެ. އެއީ ކުއްޖާ ނިޔާވުމުގެ ގާތްގަނޑަކަށް 12 ގަޑިއިރު ކުރިންނެވެ. ނަމަވެސް ފުރަތަމަ އެ ހޮސްޕިޓަލުން ކުއްޖާ ބެއްލެވި ޑޮކްޓަރު ނިންމެވީ "އެއީ ގޭސް" ނުވަތަ ގޭހުގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ.

ބޭސް ދިނުމަށްފަހު ގެއަށް ފޮނުވާލި ފަހުން، ކުއްޖާގެ ހާލަތު ބަދަލުނުވާތީ އާއިލާއިން ދެވަނަ ފަހަރަށް އޭޑީކޭއަށް ދިޔައީ އޭގެ ހަގަޑިއެއްހާއިރު ފަހުން އަނެއްކާވެސް އެރޭ 12:30 ހާއިރު އެވެ. އާއިލާ އިން ބުނެފައިވާ ގޮތުން ކުއްޖާ އަށް ދިމާވި ހާލަތަކީ ސީރިއަސް ކަމެއްގެ ގޮތުގައި، އޭރު ބެއްލެވި ޑޮކްޓަރުންނާއި ނަރުހުންވެސް ނުދެކޭކަން ފާހަގަކުރެވުނު ކަމަށާއި، "އަހަރެމެންނަށް ހަދަންވީ ގޮތް އެނގޭ" ކަމަށް އެފަރާތްތަކުން ބުނެފައިވާ ކަމަށެވެ.

އެރޭ ކުއްޖާގެ ސްކޭން ހަދަން ޖެހުނުއިރު، ސްކޭން ޑޮކްޓަރު ނެތުމުން ސްކޭން ހެދުމަށް ވެސް ދެހަޑިއެއްހާއިރު ހޭދަވި ކަމަށާއި، ފަހުން އާއިލާއިން އެދިގެން ކުއްޖާއަށް އައިވީ ދިނުމަށް ޑޮކްޓަރުން ނިންމުމުން ވެސް، ނަރުހުންނަށް އައިވީ ގުޅަން ކުއްޖާގެ އަތުން ނާރެއް ނުފެނުނު ކަމަށް އާއިލާއިން މި ހާދިސާ ޙިއްސާކުރި ފަރާތަކުން ބުނެފައި ވެއެވެ.

މި ތުއްތު ކުއްޖާ ދެވަނަ ފަހަރަށް އޭޑީކޭއަށް ގެންދިޔަ ފަހުން ނިޔާވީ އޭގެ ގާތްގަނޑަކަށް ހަތް ގަޑިއިރު ފަހުން، ބުރާސްފަތި ދުވަހުގެ 7:55 ހާއިރު އެވެ. ކުއްޖާ ނިޔާވިކަން އެނގުނީ، ކުއްޖާގެ ރުއިމުގެ އަޑު ކެނޑި، ހަރަކާތް ހުއްޓުމުން، ކަމެއް ގޯސްވެއްޖެކަން އާއިލާއަށް އެނގިގެން އެކަން ޑޮކްޓަރުންގެ ސަމާލުކަމަށް ގެނައުމުން އިމަޖެންސީ ރޫމަށް ގެންދިޔަތާ 10-15 މިނެޓު ފަހުންނެވެ.

ކުއްޖާ ދުނިޔެ ދޫކޮށް ދިޔަ ފަހުން، ކުއްޖާއަށް ދިމާވި ހާލަތަކީ ވަގުތުން ސާޖަރީ ކުރަންޖެހޭ ހާލަތެއް ކަމަށް ޑޮކްޓަރުންގެ ފަރާތުން އާއިލާއަށް މަޢުލޫމާތު ލިބުނު އިރު، އެކުއްޖާއަށް ބޭނުންވި ފަރުވާ ވަގުތުން ނުދެވި ގިނައިރުވެގެން ނުދިޔަނަމަ އެ ހިތާމަވެރި ހާދިސާ ހިނގުން ދުރު ކަމަށް އާއިލާ އިން ދެކެއެވެ.

އަޅަމެން މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. އަދި އަޅަމެން އެނބުރި ދާހުށީވެސް އެކަލާނގެ ހަޟްރަތަށެވެ. އެ ލޮބުވެތި ތުއްތު ކުއްޖާގެ ފުރާނަ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށި އެވެ. އަދި ކުއްޖާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި އެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ޓްސްކ

  dont blame the doctor in emergency ...what abt abt the specalists. ...why it took hours to do scan....very sad incident... NEGLIGENCE

  22
  5
 2. ރާއްޖެތެރެ މީހާ

  އޭޑީކޭ ހޮސްޕިޓަލުގަ އެމަރޖެންސީ ބައިގާ ތިބެނީ ތަނެއް ދޮރެއް ވަކިނުވާ ދިވެހި ޑޮކްޓަރުން، މިކަމަކީ ސީރިއަސް ކަމެއް ގޮތުގަ ބަލަން މަރު ކޮމިޝަނަށް ގޮވާލަން. އެ ލޮބުވެތި ތުއްތު ކުއްޖާގެ ފުރާނަ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށި އެވެ.

  80
  1
 3. ޓޮމް

  ވަރަށް ހިތާމަވެރި ކަމެއް. އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަން. ރާއްޖޭގައި ބައެއް ޑޮކްޓަރުން ޑޮކްޓަރުކަން ކިޔަވަނީ ކޮންމެ ވެސް ގާތް މީހެއް ބުނެގެން ނުވަތަ ހަމައެކަނި ނަމަކަށް އަދި ހިތާމައަކީ ކިޔަވަންދާ ބައެއް ކޮލެޖްތަކަކީ ވަރަށް ފެންވަރުދަށް ތަންތަން. ގިނަ ޑޮކްޓަރުން ތިބެނީ ބިރުން ކަމެއް ކުރިމަތިވެދާނެތީ. މިކަންތައްތަކަށް ސަރުކާރުން ސަމާލުކަން ދޭންވެއްޖެ. ދެވަނަ ހިތާމައަކީ މިގައުމުގައި މިއަދު ކަމަަކަށް ސަމާލުކަމެއް ދީގެން ގައުމެއްގެ ގޮތުގައި ހިންގުމުގެ ޤާބިލިއްޔަތުކަން ގައުމުގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަކުގެ ކިބައިގައި ނެތުން. ގައުމެއް ހަލާކުވާނެ އެންމެ ބޮޑަށް ގައުމު މިވަނީ ހަލާކުވެފައި.

  6
  3
 4. އެކްޓަރ

  މިޤައުމުގައި ހުރި ރައްޔިތުންގެ ބޮޑް ބިމެއްގައި ވ ކުޑަކުއްޔަކަށް ބަޔަކު މުއްސަދިކުރަން ރ ..މައުމޫނު ދެއްވި ހަދިޔާ މިއޮތ ބޮޑް ވިހަޔަކަށްވެފަ... އަސްލު އައްފާލަކީ ހިންގުމުގެ ތަޖުރިބާ ހުރި ވ މުރާލި ބޭފުޅެއް؛ ކީއްވެ އިމަރޖެންސީ ހާލަތު ފެއިލަވަނީ... އަހަރެންގެ ތަޖްރިބާގަ ދެންނެވޭނީ އަދިވެސް އެންމެ ބެސްޓީ ޤައުމީ ހޮސްޕިޓަލް...

  8
  6
 5. Anonymous

  ތި ނިމުނީނު! ތިބާމެންގެ އިހުމާލުން ކުއްޖަކު މަރުވީމަވެސް ސޮރީއޭ ބުނެލީމަ ނިމުނީނު! ހޮސްޕިޓަލަށް ދާމީހުން ފެލާލާލައިގެން މުއްސަނދި ވީ! ދެންވެސް ކަމެއް ރަނގަޅެއް ނުކުރޭ!

  32
 6. މީ

  އާމީން

 7. ހާމިދު

  ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގެ ހާލަތު އަދިވެސްއޮތީ ވަރަށް ދަށުގަ...ހާއްސަކޮށް ދަންވަރު ގަޑީގައި އެމެޖެންސީއަށް ދެއްކުމުން ރަގަޅު ހިދުމަތެއް ނުލިބޭ..ރަގަޅު ޑޮކްޓަރުންނެއްވެސް ނުތިބޭ..އެކަމަށް އެކަށޭނެ ބޭހެއްވެސް ނުދެވޭ ، އަދި ސީދާވެގެން އުޅޭގޮތެއް ނޭގި ކަމާއި ނުގުޅޭބޭސްތައް ދެވި ދެތިން ދުވަސް ފަހުން ކަމާއިބޭ ހާއްސަ ސްޕެޝަލިސްޓަކަށް ދެއްކޭ އިރު މިއެގެނީ އަސްލު ވެގެން މިއުޅެނީ ކީއްކަން..ދިވެހީ ރާއްޖޭގައި ރީތި ކުލިނިކުތަކާއި ރީތި ބޮޑެތި ހޮސްޕިޓަލްތައް ހުއްޓެއްކަމަކު ، އަދިވެސް އަޅުގަޑުމެންނަށް ދިމާވެފައި ހުރި ކަންތައްތަކަށް ބަލާއިރު ދެންނެވޭނީ ފެންވަރު ރަގަޅު ޑޮކްޓަރުންގެ ހިދުމަތް އެކަށީގެންވާ މިންވަރާއި ގާތަށްވެސް ނުލިބޭކަމަށް..އަގުބޮޑެތި އިކިއުޕްމެންޓްތަކާއި ރީތި ޗާލު ހޮސްޕިޓަލްތައް ހުރުމަކީ އެއްގޮތަކަށްވެސް ސިއްހީ ހިދުމަތް ރަގަޅުވުމެއްނޫން..

  15
 8. ސޮނިފޮތި

  ޑރ. ނިޔާފް ޓީވާއަށް އަރާ އަތްދޮންނަން ދަސްކޮދިނުމަށް ވުރެ މާތާހިރުވާނެ ދޯ ބަލި މީހުންނަށް ފަރުވާ ދިނީޔާ. މިކަހަލަ އެތައް ފަރުވާ ކުޑަ ކަމެއް އޭޑީކޭގެ އެމަރޖެންސީގަ އާންމުކޮށް ހިނގާ.

  19
 9. ކުރުބަ

  ފަރުވާ އެއް ނުދޭ. ސޮރީ ކިޔޭ

  19
 10. ކޮއްޔާ

  ކޮން މާފެއް ތޯ އޮންނަން ވީ ، މާފަށް ވުރެ އިންސާނެއްގެ ނަފްސު މާ އަގު ބޮޑު ، ވަގުތުން އޭޑީކޭ އެއިން ބިން އަތުލާ ، ހުއްދަ ބާތިލް ކުރޭ ސޯލިހޫ މިއީ ހައްލަކީ ﷲ ހެއްދެވި ނަފުސެއް ފަރުވާކުޑަ ކަމުން ނިޔާވުމަކީ މަފެއް ކުރެވޭނޭ ކަމެއް ނޫން ،

  14
  1
 11. ަމަލާ

  މީހަމަ ޤަތުލެއް. ކުއްޖަކު މަރާލީ.

 12. ނމލޒ

  މިގައުމުގަ ނެތް އިތުބާރުހިފޭ ސިއްހީނިޒާމެއް، ތަޖުރިބާހުރި މޮޅެތި ޑޮކްޓަރުންނެއް. މީހާގެ ފުރާނައަށް ނުރައްކާވެގެން މީހާދުނިޔެދޫކޮއްކޮށްދާންޖޭނީ ހޮސްޕިޓަލުގަ އޮތަސް. ތަނަވަސްކަމެއް ހުރިމީހަކުވިއްޔާ އަވަހަށްފުރައިގެން އިންޑިޔާއަށް ގޮސްގެން ވާނުވާވެސް އިގެނީ. ދެރަނިކަމެތި މީހާ ހުންނަންޖެހޭނީ ބަލިމީހާގެ ފުރާނަ ދިޔަސް ބަލަހައްޓައިގެން. މީޑިއާއަށް ނޭގި ގޯހެއްހެދިއްޖެއްޔާ އެކަން އޮއްބާލާނެ. އަދި މީޑިޔާއަށް އެގިއްޖެއްޔާ ކޮންމެވެސް މޯޅުވާހަކައެއްދައްކާލަފަ މަތިޖަހާލާނެ. މައްސަލަބަލަމުންދާވަހަކަ، ެކަމާ ފިޔަވަޅުއަޅައިފީމޭ. ކުރީކީއްކަމެއް ކޮންފިޔަވަޅެއްކަމެއް ނޭގޭނެ. އެވެސް އެކަމެއްހިގި ހޮސްޕިޓަލަކުން އެކަން ކުރާނީ. މިނިސްޓްރީ އޮންނާނީ ނިދާފަ. އަހަރެމެން ނިކަމެތި ރައްޔިތުންނަށް އިތުރުގޮތެއްނެތީމަ ހަމްދުކޮލައިގެން ތިބެންމިޖެނީ.

 13. ޥައްފާލު

  ސަރުކާރުން އަޅާނުލާނެ އެއީ އައްފާލް ގެނެއްސި ކޮވިޑް ޓެސްޓްކުރާ މެޝިނެއް އެމެޝިން ހެލްތު މިނިސްޓްރީ އަށް ދިނީމަ މައްސަލަ ނިިިމުނީ . އާއިލާއަށް އިބޫ އަރާދޭނެ ކެތްތެރިކަން . ޙުރިހައިކަމެއް ހަމަވީ ދެދުވަސް ތެރޭގައި ދިވެހިންގެ ހިތުން ތިޔަމަރު ވެސް ހަނދާނެތިގެންދާނެ. މިރާއްޖޭގެ ކަންތަށްވާގޮތް މިނުންދުވަހެއްނެތް ކިތަންމެ ކޮމިޝަނަކާއި ކޮމެޓީތަކެއްް ހެދިޔަސް.

 14. ސުސް

  ސީރި އަސް ވާން އިނގެނީ ސަލާމެ އް ނުވާވަރުވީމަތަ.

 15. Anonymous

  ބިލިޔަން ރުފިޔާ އިން ޖޫރިމަނާ ކޮށް އެކުއްޖާގެ މައިންބަފައިން ނަށް ލޭގެ އަގު ނަގައި ދޭންޖެހޭ! އޭޑީކޭ މުއްސަނދި މަހުޖަނަކަށްވިއަސް މަޖްލިސް މެންބަރަކަށްވިއަސް މިކަން އޮންނަންޖެހޭނީ މިގޮތަށް!!

 16. Anonymous

  އޭޑީކޭ ން މިހާރު ބަސް މަގު ބަދަލުކޮށް އެމީހުން ކޮޅަށް އަނބުރާލައިފި. މިހާރު ބުނަނީ އިހުމާލެއް ނެތޯ. ކުއްޖާ ސަލާމަތްކުރުމަށް 20އަކަށް ޑޮކްޓަރުންނާ އެތަށް ނަރުހުންނެއް މަސައްކަތްކުރިކަމަށް.!! ސްކޭންކޮށް އެކްސްރޭ ނަގާ ވެސް ހެދިކަމަށް. އަދި އައިސީޔޫ އަށް ވެސް ގެންދިޔަ ކަމަށް.
  މީހުން ފެލާ ހޮސްޕިޓަލް

 17. އެމަންޖެ

  އޭޑީކޭ އަކީ ނިކަމެތިންނައް ނިކަމެތި ގޮތްހަދާ ތަނެއް. މިއީ ނަސީދުވެސް ބޭނުންވާ ގޮތަކީ.