އއ.ހިމަންދޫ އަށް މިއަދު ހެނދުނު ހޮނު އެޅުމުން ވަރަށް ގިނަ އިލެކްޓްރޯނިކް ތަކެއްޗަށް ގެއްލުން ލިބިއްޖެއެވެ.

ހިމަންދޫ ކައުންސިލްގެ އިދާރާގެ އިންފޮމޭޝަން އޮފިސަރ ފަރުހަތު އިބްރާހިމް މިރޭ "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ ހޮނު އެޅުމުން ގިނަ އިލެކްޓްރޯނިކް ސާމަނަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

"މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 10 ޓީވީ، 14 ރިސީވަރު، ޑީފްރީޒަރެއް، ކޮމްޕިއުޓަރު ސިސްޓަމެއް އަދި ބައެއް ގެތަކުން ހޮޅިބުރިއާއި ފަންކާ ވެސް ވަނީ ހަލާކުވެފައި. ނަމަވެސް ގެއްލުން ލިބުނު ތަކެތީގެ ތަފްސީލް ހުރިހާ މައުލޫމާތެއް ސާފު ވާނީ އާދީއްތަ ދުވަހު" ފަރުހަތު ވިދާޅުވިއެވެ.

ފަރުހަތު ވިދާޅުވީ ހޮނު އެޅުމުގެ ސަބަބުން 15 ގެއެއްގައި ބޭނުން ކުރާ އިލެކްޓްރޯނިކް ސާމާނަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިވާ ކަމަށެވެ. ހުރިހާ މައުލޫމާތެއް ސާފުކުރުމަށް ފަހު އާދީއްތަ ދުވަހު ޑިޒާސްޓާ މެނޭޖްމަންޓަށް ހާދިސާ އާއި ބެހޭ ރިޕޯޓެއް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދު ހެނދުނު 07:00 އާއި 07:30 އާއި ދެމެދު މޫސުން ގޯސްވެ ގުގުރުމާއި އެކު ވާރޭ ވެހި ހޮނުއެޅި ނަމަވެސް ހިމަންދޫގެ މޫސުން މިހާރު އޮތީ ރަނގަޅަށް ކަމަށް އެރަށުން މައުލޫމާތު ދެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިރޭ ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކުރެވިފައެވެ.