މިހާރު މަގާމުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް އެ ވިޕާއި ހިލާފަށް ހަތަރު މެންބަރަކު ވޯޓު ދެއްވައިފިއެވެ.

ވިޕްލައިނާއި ހިލާފަށް ވޯޓު ދެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި މަޑަވެލީ ދާއިރާގެ މެމްބަަރު ހުސައިން ފިރުޝާނާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. މީގެއިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް ވޯޓު ދެއްވީ ބިލު ބަލައިގަތުމާއި ދެކޮޅަށެވެ.

މި އިސްލާހު މަޖިލީހަށް ބަލައިގަތީ 60 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމެޓީއަކުންނެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ޤާނޫނު އަސާސީއަށް ހުށައަޅާފައިވާ އިޞްލާޙުގައި ވަނީ، ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ހަވާލުވަންދެން މިހާރު މަޤާމުތަކުގައި ތިބި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުން މަޤާމުގައި ދެމިތިބޭނެކަމަށެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުމާއި އެކު އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ އަދަދެއްގެ މެންބަރުން ފުރަތަމަ މި އިސްލާހާއި ދެކޮޅަށް ވާހަކަދެއްކިއެވެ. ސަބަބަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީއެވެ. ނަމަވެސް މިއީ ގާނޫނުއަސާސީގެ 253ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށްވާތީ މި އިސްލާހު ގެނެވޭނެ ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.

ނަމަވެސް އެކަމުގައި ބަންޑާރަ ނާއިބާއި އަދި ކައުންސެލާ ޖެނެރަލްވެސް ލަފާ ދެއްވާފައި ވަނީ މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިފަހަރު ވިޕް އާއި ޚިލާފުވެގެން މި ހަތަރު މެންބަރުން ޕާޓީއިން ވަ ކި ކުރަން ކެރޭނެބާ. އަންނިގެ ވެރިކަން ވެއްޓި އެމްޑީޕީ ނޭވާ ހޮޅިއަށް އެޅިފައި އޮއްވާ އެޕާޓީ އަލުން ކޮޅަށް ނަންގަވާ ޖޯޝު އުފައްދައިދީ އެމްޑީޕީގެ ވަންތަކަން ގެނެސްދިނީ ރީކޯ މޫސަ. މިއީ ޤަބޫލު ނުކުރިޔަސް ހަޤީޤަތް. ނަމަވެސް އަލުންކޮޅަށް ޖެހި އިރަށް މޫސައަށް އެމްޑީޕީގެ ފަރާތުން ވެރިކަން ލިބިދާނެއޭ ހީވުމާއި އެކު ކެނެރީ ގައްދާގެ ރޭވުމުން އެހުރީ ޕާޓީގެ ވިޕާއި ޚިލާފުވީ ކކަމަށް ބުނެ ޕާޓީއިން ބޭރުކޮށްފައި.

  2. ދިވެހި ދަރިއެއް

    މަޖްލީހުގެ ކުޅިގަނޑު މިގޮތަށް މި ފެށީ ސަރުކާރު ފެއިލްވަމުންދާ މަންޒަރުން ފޯކަސް އަނބުރާލުމަށް ކަމަށް ލަފާކުރެވޭ

  3. ބީރުބޭ

    ވިޕް އަޅުން ވިޕީން ކިރިމް ކާއްތަވަމުން ގެންދޭ. ދެން އޮންނަ މަޖިލީހެއްގަ ކުރިމަތި ނުލައްވަނީތޯ. ވޯޓު ޙޮދަނީ ކިހިނެއް