ސިއްހީ ފަރުވާ ހޯދަން އެއްރަށުން އަނެއް ރަށަށް ދިއުމަށް ފުލުުހުންގެ ހުއްދަ ހޯދަކަށް ނުޖެހޭނެ ކަމަށާއި، އެ ހުއްދަ ހޯދާނީ އެރަށެއްގައި ހުންނަ ސިއްހީ މަރުކަޒަކުން ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން އަދިވެސް އޮތީ ބަންދުވެފައި ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް-19 ފެނިފައި ނުވާ ރަށްތަކުގެ އެތެރެ އާއްމުކޮށް ހުޅުވާލެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ކޮންމެހެން ކުރަން ޖެހޭ ޒަރޫރީ ބޭނުމަކަށް ނޫނީ ސިއްހީ ފަރުވާއެއް އެރަށުން ލިބެން ނެތިގެން، އެ ސިއްހީ ފަރުވާއެއް އެހެން ރަށެއްގައި ހުރިއްޔާ އެ މެޑިކަލް ފެސިލިޓީއަކަށް ކުރަން ޖެހޭ ދަތުރު ފިޔަވާ އެހެން ދަތުރުތައް މި އޮތީ ހުއްޓިފައި"، ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް އެއް ރަށުން އަނެއް ރަށަށް ކުރުމަށްޓަކައި ހުއްދަ ބޭނުންވާނީ ފުލުހުންގެ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް އެކަމުގެ ހުއްދަ ނަގާނީ ފުލުހުންގެ ފަރާތުން ކަމަށާއި، ފުލުހުން އެ ހުއްދަ ދިނުމުން، ދަތުރު ކުރުމަށް އެ އޮންނަ އުޅަނދެއްގެ އިންތިޒާމްތައް ހަމަޖެހުމުން އެ ދަތުރު ކުރިއަށްދާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ، އެހެން ނަމަވެސް ސިއްހީ ފަރުވާއެއް އެރަށުން ލިބެން ނެތި އެހެން ރަށަކަށް ދާން ޖެހޭނަމަ އެ ހުއްދަ ހޯދާނީ ހޮސްޕިޓަލުން ނުވަތަ ސިއްހީ މަރުކަޒަކުން ކަމަށެވެ. އަދި އެތަނަކުން އެ ފަރާތަކަށް އެ ކަމުގެ ހުއްދަ ދިނުމުން އެ ދަތުރުގެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިއްހީ ފަރުވާއަކަށް ޕޮލިހުންގެ ހުއްދަ ހޯދަކަށް ކޮންމެހެން ޖެހިވަޑައިނުގަންނަވާނެ، އޭގެ ރަށެއްގެ ހުންނަ ސިއްހީ މަރުކަޒެއްގެ ހުއްދަ". ޝަރީފް ވިދާޅުވިއެވެ.

އެއިރުން ކައުންސިލުން އެ ދަތުރުގެ ކަންކަން އިންތިޒާމްކޮށްދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިގޮތަށް ވިދާޅުވިއިރު، މީގެ ކުރިން ހުއްދަތަކެއް ނުލިބި މާބަނޑު ދެ މީހެއްގެ ދަރިފުޅު ބަނޑަށް މަރުވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މީޣެ އިތުން ޝަރީފް ވިދާޅުވީ، މުދާ ސަޕްލައި ކުރުމާއި،އެފަދަ ބާވަތްތަކުގެ ދަތުރުގެ ހުއްދަ ދޭނީ ކުރިއެކޭ އެއްގޮތަށް ކައުންސިލުން ކަމަށެވެ. ނަމަވެސް ސިއްހީ ފަރުވާ އަށް މީހުން އެއްތަނުން އަނެއް ތަނަށް ކުރާ ދަތުރުތައް ފިޔަވާ އެހެނިހެން ދަތުރުތައް ކުރުމަށް ޖެހޭނީ ފުލުހުންގެ ހުއްދަ ހޯދަން ކަމަށް ޝަރީފް ވިދާޅުވިއެވެ.