އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލް މެޗު އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.

ކޮރޯނާވައިރަހާ ގުޅިގެން އެފްއޭ ކަޕްގެ ކުޅުން މެދުކަނޑާލީ ކުއާޓާ ފައިނަލް މެޗުތަކާ ހިސާބުންނެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުގައި ކޮވިޑް-19 ކޮންޓްރޯލް ވަމުން އަންނާތީ އަންނަ މަހު އެގައުމުގައި ކުޅިވަރު ހަރަކާތްތައް އަލުން ފެށުމަށް މިހާރު ވަނީ ހުއްދަ ދީފައެވެ.

އެއާއެކު އަންނަ މަހުގެ 17 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފަށަން އިނގިރޭސި އެފްއޭ އިން ފާސްކޮށްފައިވާއިރު އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ބާއްވަން ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 27 ވަނަ ދުވަހާއި 28 ވަނަ ދުވަހުއެވެ. އަދި ސެމީ ފައިނަލް މެޗުތައް ޖުލައި މަހުގެ 18 ވަނަ ދުވަހާއި 19 ވަނަ ދުވަހު ކުޅެން ތާވަލުކުރިއިރު، ފައިނަލް މެޗު އޮންނާނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.

ކުއާޓާ ފައިނަލްގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ. ސިޓީ ކުއާޓާ އަށް ދަތުރު ކުރީ ތިންވަނަ ބުރުގައި އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރާ ޝެފީލްޑް ވެނިޒްޑޭގެ މައްޗަށް ކުރިހޯދައިގެންނެވެ. އަނެއްކޮޅުން ނިއުކާސަލް ކުއާޓާ އަށް ދިޔައީ ދެވަނަ ޑިވިޝަނުގެ ވެސްޓް ބްރޮމް ބަލިކޮށްގެންނެވެ.

ކުއާޓާގެ ދެވަނަ މެޗުގައި ލެސްޓާ ސިޓީ އާއި ޗެލްސީ ވާދަކުރާއިރު، ތިންވަނަ މެޗުގައި ޝެފީލްޑް ޔުނައިޓެޑް ނުކުންނާނީ އާސެނަލް އާ ދެކޮޅަށެވެ. އާސެނަލް ކުއާޓާ އިން ފުރުސަތު ހޯދީ އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޕޯޓްސްމައުތު ބަލިކޮށްގެންނެވެ. ވަރުގަދަ ލިވަޕޫލް ކަޓުވާލުމަށްފަހު ޗެލްސީ އިން ކުއާޓާ އަށް ދަތުރުކުރި އިރު ލެސްޓާ ގަދަ އަށަކުން ޖާގަ ހޯދީ ދެވަނަ ޑިވިޝަނުގެ ބާމިންގްހަމް ބަލިކުރުމަށްފަހުއެވެ.

މުބާރާތުގެ ކުއާޓާގެ ފަހު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅޭނީ ނޯވިޗް ސިޓީއާ ދެކޮޅަށެވެ. ޔުނައިޓެޑް ކުއާޓާ އަށް ދަތުރު ކުރީ އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ޑާބީ ކައުންޓީ އަތުން މޮޅުވެގެންނެވެ. އަނެއްކޮޅުން ނޯވިޗް ގަދަ އަށަކުން ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެން ޓޮޓެންހަމް ހޮޓްސްޕާސް ކަޓުވާލުމަށްފަހުއެވެ.