ގުޅީފަޅު ހިއްކުމުގެ މަޝްރޫ އާއި ގުޅިގެން ވިލިމާލެ މޫދު ސަރަހައްދަށް ގެއްލުންވާ ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ވިިލިމާލެ ސަރަހައްދުގައި މޫސުގެ ފެންގަނޑު ސާފު ކަމަށާއި އަދި ދިރުންތައް ދުޅަހެޔޮ ކަމަށް އެންވައިރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭ އިން ހެދި ދިރާސާތަކަށް ފަހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ވިލިމާލެ ސަރަހައްދުން ނެގި ސާމްޕަލް އިން އެ ސަރަހައްދުގެ ފެންގަނޑު ސާފުކަމަށް އެނގޭކަމަށެވެ. އެގޮތުން އެ ސަރަހައްދުން ނެގި ސާމްޕަލްގެ ޓާބިޑިޓީ ލެވެލް ހުރީ "0 އެންޓީއޫ" ގައި ކަމަށް ބުނެފައިވެއެވެ.

ގުޅީފަޅުގެ ސަބަބުން ވިލިމާލެ މޫދު ސަރަހައްދަށް ގެއްލުން ވެފައިވޭތޯ ބަލަން އީޕީއޭއިން ތަހުލީލުތަކެއް ހަދާފައި ވާއިރު، އެ ތަހުލީލުތަކުން އެ ސަރަހައްދުގެ ފަރުތަކާއި މަސްތަކަށް ގެއްލުން ވެފައިވާކަން ފާހަގަ ނުކުރެވޭކަމަށް އީޕީއޭއިން ބުނެއެވެ.

ގުޅީފަޅު ހިއްކުމުން ތިމާވެއްޓަށް ގެއްލުން ލިބޭ ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީކުރުމުގެ ގޮތުން އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން އެތަނުގެ ވަށައިގެންވާ ފަރުތަކަށް ބޮޑެތި ގެއްލުން ވަމުންދާކަމަށް ބުނެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްއިން ރައްޔިތުންގެ މަޖިލީހާއި ކަމާއި ގުޅޭ އެހެނިހެން އިދާރާތަކަށް ވަނީ ގޮވާލާފައެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދާއިރު ތިމާވެއްޓަށް ކުރާނެ އަސަރު ގެނެގަތުމަށް ހެދި އީއައިއޭ ރިޕޯޓުގައިވާ ގޮތުން، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ އިރު ވެލި ކަނޑަށް ފެތުރިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅާނެކަން ޕްލޭނިން މިނިސްޓްރީން ފާހަގަކުރައްވާފައިވާ ކަމަށާއި އެ ފިޔަވަޅުތައް އަޅާތޯ ގާތުން ބަލަމުންދާ ކަމަށް އީޕިއޭއިން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިޔަޅު

    ފަރަށް ގެއްލުމެއް ލިބިފާނެތީތަ ކަންތައް ބޮޑުވަނީ ވިލިމާލޭގަ މިހިތަ އަމިއްލަ މީހުންގެ ދަނޑުތައް ނަގާބަލަ މަދިރިއާހެދި ސަލާމަތް ނުވޭ