"އާސްކް އޭޑީކޭ"ގެ ނަމުގައި އޭޑީކޭއިން ރޮބޮޓް މޯބައިލް އެޕްލިކޭޝަނެއް ތައާރަފު ކޮށްފިއެވެ.

24 ގަޑިއިރު ޚިދުމަތް ލިބޭ ގޮތަށް އޭޑީކޭއިން ތަޢާރަފުކުރި މި އެޕްލިކޭޝަން ލޯންޗުކޮށްދެއްވުމަށް މިއަދު އޭޑީކޭގެ ޓްރެއިނިން ކްލިނިކް ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އޭޑީކޭގެ މެނޭޖިން ޑިރެކްޓާރ އަހްމަދު އަފްއާލެވެ.

"މިކަން ކުރުމުގެ އެންމެ ބޮޑު މަޤްސަދަކީ ޚިދުމަތް ހޯދާ ފަރާތްތަކާއި އަޅުގަނޑުމެންނާއި ކުރާ މުއާމަލާތް ރަނގަޅު ކުރެވޭތޯ. މިގޮތުގެ މަތިން ކުރަމުންގެންދާ މަސައްކަތް ފުޅާކޮށް، އިތުރަށް މީހުންނާ ރައްޓެހި ގޮތަކަށް ގެނެސްދިނުމަށް ކުރާ މަސައްކަތެއް މިއީ" މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަފްލާލް ވިދާޅުވިއެވެ.

އޭޑީކޭ އިން ތަޢާރަފް ކުރި އެޕްލިކޭޝަންގެ އިސްތިހާރެއް

ބައެއް ހާލަތްތަކުގައި އޭޑީކޭއަށް ގަޑިއިރަކު ތެރޭ 100 ފޯނު ކޯލު އަންނައިރު، މަހެއްގެ މައްޗަށް ބައި ލައްކައެއްހައި އެސް.އެމް.އެސް މީހުން މައުލޫމާތު ހޯދުމަށް މެސެޖް ކުރެއެވެ.

ފާއިތުވެދިޔަ ހަތަރު އަހަރު މިކަމަށް ހައްލެއްގެ ގޮތުން ހދ.ކުޅުދުއްފުށީގައި ކޯލް ސެންޓަރެއްވެސް ވަނީ ޤާއިމު ކުރެވިފައިއެވެ. އެގޮތުން 98 އިންސައްތަ ކޯލަށް ޖަވާބުދާރީވެފައިވެއެވެ. ނަމަވެސް ކޯލު ސެންޓަރަށްވެސް އެދެވޭ ގޮތަކަށް އެ ހުރިހާ ފޯނު ކޯލުތަކަށް ޖަވާބު ދާރީ ނުވެވޭނެތީ، ކޯލް ސެންޓާރ އަށް ލިބޭ ލޯޑް ކުޑަކުރުމަށް "އާސްކް އޭޑީކޭ" ގެ ނަމުގައި ޑޮކްޓަރުންގެ ޑިއުޓީ ގަޑިތަކާއި އެޕޮއިންޓްމެންޓްތަކަށް ރިކުއެސްޓް ކުރެވޭނެ ގޮތާއި، މެމޯއަކަށް ނަންބަރެއް ނަންގަވައިގެން ތިއްބަވާ ބޭފުޅުން ބެލޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.

"އަޅުގަނޑުމެން ރޮބޮޓެއް ގޮތަށް ދައްކާ މި އާޓިފިޝަލް އިންޓަލިޖެންސްގެ ސަބަބުން ވަރަށް ފަސޭހައިން މައުލޫމާތު ލިބޭނެ ގޮތްތައް ހުންނާނެ. ވަރަށް ގިނަފަރާތްތަކުގެ ޝަކުވާއެއް އެއީ މެމޯއަކަށް ނަންބަރު ނަގައިގެންވެސް ވަރަށް ގިނައިރު ހުންނަން ޖެހޭ. އެހެންވީމަ ވަރަށް ފަސޭހަ ކަމާއިއެކު ގެއިން ނިކުތުމުގެ ކުރިންވެސް ވެއިޓިން ލިސްޓް ބަލާލެއްވޭނެ. އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާޒެއް އެއީ މީގެ ބޭނުން ވީހާވެސް ބޮޑަށް ހިފުން. އަދި ނަންބަރު ކައިރިވަމުން ދާ ވަރަކަށް އޭގެން ހަނދާންވެސް ކޮށްދެއްވަމުންދާނެ." އަފްލާލު އިތުރަށް ވިދާޅުވިއެވެ.

އޭޑީކޭ އިން ތަޢާރަފް ކުރި އެޕްލިކޭޝަންގެ އިސްތިހާރެއް

ކިއުގައި މަޑު ކުރައްވަން ދަތިވާ ބޭފުޅުންނަށް އަވަހަށް ފަރުވާ ދިނުމުގެ ގޮތުން އެފަދަ ފަރާތްތަކަށް ހާއްސަކޮށްގެން އޭޑީކޭގައި ފާސްޓް ޓްރެކް ކައުންޓާއެއް ޤާއިމުކޮށްފާއިވެއެވެ. ނަމަވެސް މިއީ އެއްވެސް އިންޝުއަރެސްގެ ޚިދުމަތެއް ލިބޭނެ ކައުންޓަރެއް ނޫނެވެ.

"އާސްކް އޭޑީކޭ" އެޕް ބޭނުން ކުރައްވަން ބޭނުންވާ ފަރާތްތަކުން ޓެލެގްރާމް އަދި ވައިބާރ މެދުވެރިކޮށް "އާސްކް އޭޑީކޭ" ޖަހާ، ސާރޗް ކޮށްލެއްވުމުން ސާފުކުރައްވަން ބޭނުންވާ މައުލޫމާތެއް ސާފުކޮށްލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނައިން

    މިކަހަލަ އެޕެއްނޫން އަހަރެން ބޭނުމީ ކުޑަކުޑަ ކަމަކާ ޑޮކްޓަރަށް ނުގޮސް ބަލީގެ އަލާމާތްތައް ކިޔާދިނީމަ ޑައިގްނޯސް ކޮށްދޭން އެޕެއް. މިހާރު ވަގޮތަކީ ގޮސް ޑޮކްޓަރަށް ދެއްކީމަ ބުނަނީ ތީ މިވެނިކަމަކާ ގުޅޭ ޑޮކްޓަރަކަށް ދައްކާށޭ. ދެން މިދެވެނީ އަސްލު ދައްކަންވާ މީހާ ކައިރިޔަށް. ޑަބަލް މަނީ ސްޕެންޑް ކުރާ ފަހުން. ގޫގްލްވެސް ހަދަނީ މުޅިން ދޮގު. ވާގޮތް ގޫގުލްކޮށްލީމަ އެބަބުނޭ ލައިފް ތްރެޓްނިންގ އޭ. ޑުނިޔޭގަ ދިރި ހުންނާނީ 3 ދުވަހޭ.