އޭޑީކޭއިން ކޮވިޑް-19 އަށް ފައްސިވި 11 މުވައްޒަފުންގެ ތެރެއިން 10 މީހަކު ރަނގަޅުވެއްޖެ އެވެ.

އެ ހޮސްޕިޓަލުން ކޮވިޑް-19 އަށް ފައްސިވީ 11 މީހުންނަކީވެސް ބިދޭސީ މުވައްޒަފުންނެވެ. އެ ހޮސްޕިޓަލުން ކުރިން ބުނެފައި ވަނީ ފައްސިވި މުވައްޒަފުންނަކީ އޭޑީކޭ ހޮސްޕިޓަލުގެ ހުޅުމާލޭ އެކޮމޮޑޭޝަންގައި ތިބޭ މީހުން ކަމަށެވެ. އެ ބްލޮކުގައި 40 އަށް ވުރެ ގިނަ މުވައްޒަފުން އުޅޭ ކަމަށްވެސް އޭޑީކޭއިން ހާމަކޮށްފައި ވެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އައްފާލް ވިދާޅުވީ، އެ ހޮސްޕިޓަލްގެ މުވައްޒަފުންގެ ތެރެއިން ކޮވިޑް-19އަށް ފައްސިވި 10 މުވައްޒަފަކު މިހާރު ބަލިން ރަނގަޅުވެ ދޫކޮށްލާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާދަމާ ހިސާބުގައި ދެން ހުރި މީހާވެސް ގުޅޭނެހެން. އެހެންނަމަވެސް އަދި މިވަގުތު އެމީހުން ދިރިއުޅެމުންދިޔަ ކުއާޓާރސް އަދި ހުރީ ކަރަންޓީނުގެ ދަށުގައި، މިއަދާއި ހަމައަށް އެތަނުގެ ކަރަންޓީން މުއްދަތު ވެސް ހަމަވާނެ،" އައްފާލް ވިދާޅުވިއެވެ.

އައްފާލް ވިދާޅުވީ. މި ހަފްތާ ތެރޭގައި ކޮވިޑް-19އަށް ފައްސިވި މީހުންނާއި، ފައްސިވި މީހުންނާއެއްކޮށް ދިރިއުޅުނު އެންމެންނަށްވެސް ވަޒީފާ އަށް އާދެވޭނެ ގޮތް ވާނެ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ، 1916 އަށް އަރާަފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 925 އަށް އަރާފައެވެ.