ކޮވިޑް-19 ގެ ސަބަބުން އެކި އެކި ސަބަބުތަކާއި ހުރެ އަނބުރާ ރާއްޖެ ނާދެވި ލަންކާގައި ތާށިވެފައި ތިބި 262 ދިވެހިން މާދަމާ ގެންނާނެ ކަމަށް ސަރުކާރުން ހާމަ ކޮށްފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ސްރީލަންކާއިން އަންނަ ފްލައިޓް މާދަމާ ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނެ ކަމަށާއި އެ ދިވެހިންނަކީ ވަކި ކްރައިޓީރިއަކަށް ފެތިގެން ރާއްޖެ ގެނެވޭ ދިވެހިން ކަމަށެވެ. މި ދިވެހިން ގެނައުމަށް ހަމަޖެހިފައިވާނީ ސްރީލަންކަން އެއާލައިންސް އިންނެވެ.
"އާސަންދަ މެދުވެރިކޮށް ބޭސްކުރުމަށް ލަންކާއަށް ދަތުރުކޮށްފައިވާ ބޭފުޅުން، ހާއްސަ އެހީއަށް ބޭނުންފުޅުވާ ބޭފުޅުން، ޓޫރިސްޓް ވިސާގައި ދަތުރުކޮށް އަދި މާލީ އެހީތެރިކަމަށް ބޭނުން ޖެހިފައިވާ ބޭފުޅުން، ލޮކްޑައުންއާއި ގުޅިގެން ފްލައިޓް ކެންސަލްވި ބޭފުޅުން އަދި އެހެން ސަބަބުތަކަށްޓަކައިވެސް ޓޫރިސްޓުންގެ ގޮތުގައި ދަތުރުކޮށް އާދެވޭނެ ގޮތެއް ނެތިފައި ތިބި ބޭފުޅުން" މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، މި ދިވެހިން ރާއްޖެ އައުމާއެކު ކަރަންޓީން ކުރެވޭނެ ކަމަށާއި ރާއްޖެ އައުމުގެ ކުރިން އެޗްޕީއޭއިން ފޯރުކޮށްދީފައިވާ ކަރަންޓީން ވާނެ ގޮތުގެ ފޯމު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.
މި ބޭފުޅުންގެ ތެރެއިން 153 ބޭފުޅަކު 13 އަތޮޅެއްގައި ހޯމް ކަރަންޓީން ވެވޭނެ ކަމަށް ބުނެފައިވާ ކަން މަބްރޫކު ވަނީ ފާހަގަ ކޮށްފައެވެ. މަބްރޫކު ވިދާޅުވީ، އެބޭފުޅުން އަތޮޅުތަކަށް ގެންދިއުމުގައި އެމްއެންޑީއެފުން ހަރަކާތްތެރި ވާނެ ކަމަށެވެ.
މަބްރޫކު އިތުރަށް ވިދާޅުވީ، ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން ފޯމު ފުރިހަމަ ކޮށްފައި ނުވާ ކަމަށާއި ފުރިހަމަ ކޮށްފައިވާ ފޯމުތަކުގައި ވެސް ހޯމް ކަރަންޓީން ވެވޭތޯ ނުވަތަ ނުވެވޭތޯ ފާހަގަ ކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން މަބްރޫކު ވަނީ ރާއްޖެއައުމުގެ ކުރިން ފޯމު ރަނގަޅަށް ފުރިހަމަ ކުރުމަށް އެދިވަޑައިގެންފައެވެ.
ގެންނަ މީހުންތައް ކަރަންޓީނު ކުރަނީ ގޭގަޔޯ، ތިބޭނެތަ ގޭގައި، ލޮކްޑައުން އުވާލާ ކަހަލަ އިޝާރާތެއް ވެލީރަށް އެއްވެސް ހަމައެއް ލަމައެއް ނެތި މީހުންތަޢް މަގުމަތީ ގިނަވެއްޖެ