ރާއްޖޭގައި މިހާރު އެންމެ ބާރު ދުވެއްޔެއްގައި ކުރި އަރަމުން އަންނަ އެއް ދާއިރާ އަކީ އޭވިއޭޝަން ދާއިރާއެވެ. މި ދާއިރާ އަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އޭވިއޭޝަނާއި ގުޅުން ހުރި މައުލޫމާތުތައްް ގެނެސްދޭ ތަފާތު ޕޭޖުތަކެއް މީސް މީޑިއާ (ސޯޝަލް މީޑިއާ) އިން ފެނެއެވެ.

މިހާރު މިވަނީ މިފަދަ މުޅިން އައު ޕޭޖެެއް ތައާރަފް ވެފައެވެ. ރާއްޖޭގެ ޒުވާން ޕައިލެޓުންތަކެއް އިސް ނަގައިގެން ”8 ކިއުބެކް ޕައިލެޓްސް“ ގެ ނަމުގައި އުފައްދާފައިވާ މި ޕޭޖަށް އަދި 2 ހަފްތާވެސް ނުވާއިރު، މި ޕޭޖަށް މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޕޭޖު ހިންގުމުގައި ހަރަކާތްތެރިވެ އުޅޭ ޕައިލެޓެއް ”ވަގުތު“ އަށް މައުލޫމާތު ދެމުން ވަނީ ބުނެފައެވެ.

”8 ކިއުބެކް ނުވަތަ ކިއު“ އަކީ ދުނިޔޭގެ އޭވިއޭޝަންގެ މައި އިދާރާ ކަމުގައިވާ އައިކާއޯ އިން ރާއްޖެ އަށް ޙާއްސަ ކޮށްފައިވާ ކޯޑެވެ. އެހެންކަމުން، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ އެއާ ކްރާފްޓަކުންވެސް ”8ކިއު“ މި އަކުރުތައް ފެނިގެން ދާނެއެވެ. ރާއްޖެ އަށް ނިސްބަތްވާ އެއާކްރާފްޓެއްކަން މީހުން ދެނެގަންނާނީ މި އަކުރުތަކުންނެވެ.

މި ޕައިލެޓުންތައް އުފައްދާފައިވާ ޕޭޖަށް ނަން ދީފައި ވަނީ މިގޮތަށް ބަަލައިގެން ކަމަށް އެ ފަރާތުން މައުލޫމާތު ދޭއިރު، މި ޕޭޖުގައި ހިއްސާ ކުރާނީ ރާއްޖޭގެ އޭވިއޭޝަނާއި ގުޅުން ހުރި މައުލޫމާތު ތަކެވެ.

"8ކިއު ޕައިލެޓްސް" އިން އަޕްލޯޑްކޮށްފައިވާ ފޮޓޯ އެއް

”އަޅުގަނޑުމެން 6 މީހުންގެ ގްރޫޕަކުން މި ޕޭޖު ހެދިތާ އަދި ނުވޭ މާ ގިނަ ދުވަހެއް. އެކަމަކު މިހާރުވެސް ރަނގަޅު ފީޑްބެކެެއް އަންނަނީ ލިބެމުން. ކުރިއަށް އޮތް ތަނުގައި ޕޭޖުގެ ފޮލަވާސް އަށް ވަރަށް ކަމުދާނެ އިންފޮމޭޝަން ތަކާއި، ކޮކްޕިޓް އެތެރޭގެ މަންޒަރުތައްވެސް ފެނިގެން ދާނެ“ 8ކިއު ޕައިލެޓްސްގެ ފަރާތުން ”ވަގުތު“ އާއި ވާހަކަ ދެއްކި ޕައިލެޓަކު ބުނެފައި ވެއެވެ.

މި ޕޭޖު މެދުވެރިކޮށް ތި ފަރާތްތަކުގެ އޭވިއޭޝަން ފޮޓޯތަކާއި ވީޑިއޯތައްވެސް ޕޯސްޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ޕޭޖުން ޝައުގުވެރި ކުއިޒް ތަކާއި އެނޫންވެސް ތަފާތު މައުލޫމާތުތައް ލިބިގެން ދާނެއެެވެ. އަދި ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެކިއެކި މައުލޫމާތު ތައްވެސް ޕޭޖު މެދުވެރިކޮށް ހިއްސާ ކުރާނެެއެވެ.

މި ޕޭޖު އިންސްޓަގްރާމްގެ އިތުރުން ފޭސްބުކް ގައިވެސް ހަރަކާތްތެރިވަމުން ގެންދާނެއެެވެ.