ކުރީގެ ޕޮލިސް ކޮމިޝަނަރ އަހްމަދު އަރީފު މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިއަދު މެންދުރު ބޭއްވުމަށް ހަމަޖެއްސި މި އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކުރި ސަބަބެއް އެނގިފައެއް ނުވެއެވެ.

އަރީފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

މި މައްސަލައިގެ ޝަރީއަތް ނިމެންދެން އަރީފް ޖަލު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަރީފްގެ އިތުރުން ވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ގިނަ ބަޔަކު ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ. އޭގެތެރޭގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

އެބޭފުޅުންގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު އެ މައްސަލަތަކުގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ.