ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ޒުވާނުންނަށް ސަރުކާރުން އެބޭފުޅުންނަށް ހައްލެއް ހޯދައި ދިނުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ޖާބިރު މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ ސިނާއަތްތަކުގައި ވަޒީފާ އަދާކުރަމުން އައި އެތައް ހާސް ބައެއްގެ ވަޒީފާ، ހާއްސަ ގޮތެއްގައި ރިސޯޓު ދާއިރާގެ ވަޒީގާ ގެއްލި، އެ ބޭފުޅުންނަށް މަސައްކަތެއް ނުކުރެވޭ ގޮތަށް ދެމަހަށްވުރެ ގިނައިން ތިބެންޖެހުމުގެ ސަބަބުން ރައްޔިތުންނަށް ލިބުމުން ދިޔަ އާމްދަނީ ހުއްޓި، އެތަކެއް އާއިލާތަކެއް ބިކަހާލުގައި އުޅެން ޖެހިފައިވާ ކަމަށެވެ.

މިކަންތައް މިގޮތަށް ދިމާވެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ދޯހޮޅިކަމުން ކަމަށާއި އެފަރާތްތަކަށް ދިމާވި ކަންތައްތައް ހައްލެއް ހޯދައި ދޭން ޖެހޭ ކަމަށް އެ މައްސަލައިގައި ބަޔާން ކޮށްފައިވެއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ބަޔާންކޮށްފައިވަނީ މައިގަނޑު 2 ކަމެކެވެ.

  • ރާއްޖޭގެ އެންމެހާ ސިނާއަތްތަކުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވެންދެން ނުވަތަ ވަޒީފާ އަދާ ކޮށްގެން އާމްދަނީއެއް ލިބެން ފެށުމާއި ހަމައަށް އެފަރާތްތަކަށް ސަރުކާރުން އިނާޔަތް ދެމުން ގެންދިއުގެ އިންތިޒާމްތައް މިހިނދުން މިހިނދަށް ހަމަޖެއްސުމާއި،
  • ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރިބައުންޑް ކުރުމަށް ބޭނުންވާ ރިސޯސަސް މިހާރުން މިހާރަށް ގާއިމުކޮށް ދިނުމަށާއި އަދި އެކަމަށްޓަކައި ބިއުރޯއެއް އުފައްދަވައި ރާއްޖޭގެ ރައްޔިތުންނަށް ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައްލު ހައްލު ކޮށްދިނުމުގެ މަސައްކަތް މިހިނދުން މިހިނދަށް ފައްޓަވައި އެކަންކަން ހައްލު ކޮށްދިނުން

ޖާބިރު މިފަދަ މައްސަލައެއް ހުށަހަޅާފައިވާއިރު، ސަރުކާރުން ވަނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް ބުރޫ އަރާފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުނިޔާ

    ވަޒީފާ ގެއްލުނު ފަރާތްތަކުގެ ތެރެއިން ސަރުކާރުން ފައިސާގެ އެ ހީތެރިކަންދެނީ އެމީ ހުންނަށް ފެންނަ ބަޔަކަށް ، މަޖިލީ ހުގަ ތިބި މަ ހުޖަނުން އެމީ ހުންގެ ކުންފުނި ތަކުގަތިބި ނިކަމެތި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި، ވިލާ އެއަރ އިން މި ހާރު މުވައްޒަފުންނަށް އަންގަމުން އެގެންދަނީ މިމަ ހުގެ ނިޔަލަށް ވަޒީފާއިން ވަކިކުރަމުންދާކަން، މަޖިލީ ހާ، ރިސޯޓްތަކާ، ފަޅުރަށްތަކާ، ނުވިތާކަށް ފަޅުތަކާ ގިރި ހާތަކަށް ދަންދެން މިމީ ހުނަށް،