ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން ރާއްޖެއަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް (ޕީޕީއީ) ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި ތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްފައި ވަނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމެރިކާގެ ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވަ ސަފީރު އެލައިނާ ޓެޕްލީޒްއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުވެވަޑައިގެންނެވީ ދިވެހި ސަރުކާރުން އެމެރިކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުލްރައްޒާގެވެ.

އެމެރިކާ އިން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޕްރޮޓެކްޓިވް ކަވަރޯލް، ލެޓެކްސް ގްލަވްސް، ސޭފްޓީ ގޮގްލްސް އަދި ސަރޖިކަލް އަންގިއެވެ.

މި ރަސްމިއްޔާތުގައި އެމެރިކާ އެމްބަސީގެ އިސް ބޭފުޅުންނާއި ދިވެހި އެމްބަސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.