ގުޅީފަޅުގައި ސަރުކާރުން ގާއިމްކުރަމުން އަންނަ ޕޯޓަކީ ވަރަށް އަވަހަށް ފުރިގެންދާނެ ޕޯޓެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގުޅީފަޅުގައި ސަރުކާރުން ގާއިމުކުރަމުން އަންނަ ޕޯޓަކީ އަވަސް މުއްދަތެއްގެ ތެރޭގައި ފުރިގެންދާނެ ޕޯޓެއް ކަމަށާއި ކ. ތިލަފުށީގައި މި ސަރަހައްދުގައި ހަދާ އެންމެ ބޮޑު ޕޯޓު ގާއިމު ކުރާނެ ވަރުގެ ޖާގައެއް އެބައޮތް ކަމަށެވެ.

އަދި ގުޅީފަޅު ބޭނުން ކުރަންވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނިންމުންތަކާ އެއްގޮތަށް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށާއި ފުށިދިއްގަރު ފަޅު ހިއްކުމަކީ ބޭނުންތެރި ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 1000 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ކުރީ ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ގުޅީފަޅުން 230 ހެކްޓަރު އަދި އެނބޫދޫ ފަޅާ އިންވެގެން އޮންނަ ފުށިދިއްގަރު ފަޅުން 800 ހެކްޓަރުގެ ބިން ހިއްކުމަށް އޮތީ ނިންމާފައެވެ.

ނަމަވެސް މި ސަރުކާރުން ގުޅީފަޅު ހިއްކަމުން އަންނަނީ ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލު ކުރުމަށެވެ.

އެ ރަށުގައި ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރެއް ހަދަން ކޮންސެލްޓެންސީ ދޭން ސަރުކާރުން ވަނީ 1.6 މިލިއަން ޑޮލަރަށް ޑެންމާކާއި ހޮލެންޑުގެ ދެ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމަކާ ހަވާލުކޮށްފައެވެ.

މީގެ ކުރިންވެސް ޑރ. މުއިއްޒު ވަނީ ގުޅީފަޅުގައި ކުރިއަސް ގެންދާ މަޝްރޫއަށްވުރެ ފައިދާ ބޮޑު އެހެނިހެން މަޝްރޫތައް ހުރިކަމަށް ވިދާޅުވެފައެވެ. އެގޮތުން ގުޅީފަޅުގައި ޕޯޓު ހެދުމަށްވުރެ ޔާމީން ސަރުކާރުން އިއުލާން ކުރައްވާފައިވާ ވިލިމާލެ 2 މަޝްރޫއު ކުރިޔަށް ގެންދިޔައީމަ ލިބިގެންދާ ފައިދާ ބޮޑުވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    ބަރާބަރު މުއިޒް މިސަރުކާރަކީ އެއްޗެއް އެގިގެން ކުރާބައެއްނޫނެވެ. ވެރިކަންކުރަންވެސް ޔާމީނު ދަސްކޮށްދިނީމަ އެކަންވެސް އިސްތިއުފާނުދީ މިއަދާހަމައަށް އެކުރެވެނީ