ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު އަސްލަމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެ ޕާޓީގެ މެމްބަރު، އަސްލަމަށް ރުހުން ދޭން މިއަދު ފާސް ކުރީ ވޯޓްގައި ބައިވެރިވި 65 މެމްބަރުންގެ އިއްތިފާގުންނެވެ. އޭނާގެ ނަން ދިރާސާ ކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވެސް ނިންމީ އަސްލަމް ރުހުން ދޭން ފެންނަ ކަަމަށެވެ. އަދި އޭނާއަކީ އެ މަގާމަށް ގާބިލް ބޭފުޅެއްގެ ގޮތުގައި ކޮމިޓީން ކަނޑައެޅިއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން "މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ" އަށް ބަދަލު ކުރުމުގެ ހުއްދަ ދޭން ފާސްކޮށްފައެވެ. މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ވަނީ ފާސްކޮށްފައެވެ.

ޕްލޭނިން އެންޑް ނޭޝަނަލް އިންފްރާސްޓްރަކްޗާގެ މަގާމުގައި އަސްލަމް ހުންނަވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހައުސިން މިނިސްޓްރީ އުވާލައްވައި އެ މިިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރައްވައިފައެވެ.

ހައުސިން މިނިސްޓްރީ އުވާލައްވައި، ޕްލޭނިން މިނިސްޓްރީގެ ދަށަށް މަސައްކަތްތައް ބަދަލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ ހައުސިން މިނިސްޓަރަކަށް ހުންނެވި އައިމިނަތު އާތިފާ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އާތިފާ މަގާމުން އިސްތިއުފާ ދެއްވީ އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭތީއެވެ.