ބޮޑުފިނޮޅުގައި ހިނގަމުންދާ އަމަލު ތަހުޤީޤުކޮށް ފިޔަވަޅު ނާޅައިފިނަމަ ރާއްޖޭގައި މިފަދަ އަމަލުތައް ތަކުރާރުވެދާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިގޮތަށް ވިދާޅުވެފައި މިވަނީ، މިރޭ ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ވެގެން ދިވެހިންގެ ބަޔަކު ރަހީނުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި އާދަމް ޝަރީފް ވިދާޅުވީ، ރަހީނުކުރުމުގެ މި ނުރައްކާތެރި އަމަލު ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤުކޮށް ފިޔަވަޅު ނާޅައިފިނަމަ ރާއްޖޭގައި މިފަދަ އަމަލުތައް ތަކުރާރުވެދާނެ ކަމަށާއި، ދާދިފަހުން ސަފާރީއެއްގައި ހިނގި ރޭޕްގެ މައްސަލައިގެ ކަންކަން ހިނގައިދިޔަ ގޮތަށް މި މައްސަލަ ނުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"ރަހީނުކުރުމުގެ މި ނުރައްކާތެރި އަމަލު، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤުކޮށް ފިޔަވަޅު ނާޅައިފިނަމަ ރާއްޖޭގައި ވެސް މިފަދަ އަމަލުތައް ތަކުރާރުވެދާނެ! ސަފާރީ ރޭޕްގެ މައްސަލައިގާ ކަންކަން ހިނގާދިޔަ ގޮތަށް މި މައްސަލަ ނުވާނެ ކަމަށް އުންމީދު ކުރަން!" އާދަމް ޝަރީފް ވިދާޅުވިއެވެ.

ބިދޭސީން ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކޮށްގެން އުޅެނީ މުސާރަނުދީ ދުވަސްތަކެއް ވެފައި ވުމުން ހިތްހަމަ ނުޖެހިގެންނެވެ. އެމީހުން ވަނީ އެ ރަށަށް ބ. ތުޅާދޫން ފުރައިގެން ދިޔަ ފުލުހުންނަށް ވެސް ހަމަލާދީ، ރަށަށް އެރުމަށް ހުރަސް އަޅާފައެވެ. މި ހާދިސާގައި ތުޅާދޫން ފުރައިގެންދިޔަ ބައެއް ފުލުހުންނަށް އަނިޔާވެސް ވެފައި ވެއެވެ.

މިކަމާއި ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްގެ ފައުޖެއް، ތައްޔާރީ ހާލަތުގައި ބޮޑުފިނޮޅަށް ދިއުމަށް މީގެ އިރުކޮޅެއް ކުރިން މާލެއިން ވަނީ ފުރާފައެވެ.

ބޮޑުފިނޮޅުގައި ރަހީނުކޮށްފައި ވަނީ ކިތަށް ދިވެހިން ކަމެއް އަދި ނޭނގެއެވެ. ނަމަވެސް އެރަށަކީ 200 އެއްހައި ބިދޭސީން މަސައްކަތްކުރާ ރަށެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

އެރަށުގައި ރަހީނުކުރި ދިވެހިންގެ ތެރެއިން އެކަކު ވަނީ ސަލާމަތްކޮށްފައެވެ. އޭނާ ސަލާމަތްކޮށްފައި ވަނީ ތުޅާދޫން ފުރައިގެން ދިޔަ ފުލުހުންނެވެ. ފުލުހުންނަށް އޭނާ ފެނުނީ ބޮޑުފިނޮޅު ކައިރިން މޫދުންނެވެ. އޭނާ އަކީ ބިދޭސީންގެ އަތްދަށުން ސަލާމަތް ވެގެން މޫދަށް އެރި އޮތް މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯކިބާ

    ތަކުރާރުވެދާނެއޭ؟ ކިތައްފަހަރު ތަކުރާރުވީމަތަ ތަކުރާރުވިކަމަށްވަނީ، މި ލޮކްޑައުންތެރޭވެސް ތިކަހަލަ ކިތަންމެ ހަޅުތާލެއް ހިންގައިފި.

  2. ހިރަޕ

    މުސާރަ ނުދިނަސް ދާނެ ތަންތަން ހުރޭ! އަންގަން ޖެހޭ ފަރާތްތައްވެސް ހުރޭ! ދިވެހިން ރަހީނެއް ނުކުރެވޭނެ! އެމީހުން ނަށް އެކަމުގެ ހައްގު އަދަބު ނުދިނުމަކީ ރާއްޖޭގައި ހުޅެވޭ ވަރަށް ނުރައްކާތެރި ދޮރެއް. ދިވެހިންވެސް ހަމަ އެހެން ހަދަންވީނު؟؟؟؟؟؟؟؟