ފުލުހުންގެ މުއައްސަސާ ވަނީ ވާޖިބުން އެއްކިބާވެ، ނުފޫޒުގައި ޖެހިފައި ކަމަށާއި އެ މުއައްސަސާއަށް އޮތް އިރުބާރުވެސް މިހާރު ގެއްލިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް އެގޮތަށް ވިދާޅުވީ، ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކީ މަޖިލިސް މެމްބަރެއްގެ ފިރިކަލުން ކަމަށް އަޑު ފެތުރިފައިވާ މައްސަލައިގައި އާއި ބ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި ބިދޭސީން ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައެވެ. އެތަނުގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ރާއްޖެ ގެނައީ ށ. މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ މަސްލަހަތު އޮންނަ ކުންފުނި، ރިޒް ޕްރައިވެޓް ލިމިޓެޑުންނެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ އިސްވެރިންނަށް އިތުބާރު ކުރި މަދު ބައެއްގެ އިތުބާރުވެސް މިއަދު ވަނީ ގެއްލިފައި ކަމަށާއި، ގޭންގް ރޭޕާއި ގުޅިގެން ފުލުހުން ވަނީ ވާޖިބުން އެއްކިބާވެ ނުފޫޒުގައި ޖެހިފައި ކަމަށެވެ.

ކެންޔާގެ އަންހެން މީހާ ރޭޕް ކުރި މައްސަލަ އާއި ގުޅިގެން ޑރ. ޖަމީލް ވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ޔޫރިން ޓެސްޓު ނުކޮށް އެމީހުން މަސްތު ނުވާ ކަމަށް ނިންމީ ގާނޫނީ ކޮން ހަމަޔަކުންތޯ ސުވާލު އުފައްދަވައިފައެވެ. އަދި އެއީ ފުލުހުންގެ މުއައްސަސާގައި ދާއިމަށް ޖެހުނު ހުތުރު ލައްގަނޑެއް ކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.

"ޣައިރު ގާނޫނީ އަމުރަށް ތަބާވާ ފުލުހުން ވެސް އިންސާފުގެ ކުރި މައްޗަށް ހާޒިރު ކުރުވުމުން ނޫނީ ގާނޫނުގެ ހުކުމް މި ގައުމުގައި ދުވަހަކު ވެސް ނުހިނގާނެ. ފުލުހުންގެ ލީޑާޝިޕް އެކްޓިވިސްޓުންގެ ދަރަޖައަށް ވެއްޓިގެން ނުވާނެ،" ޖަމީލް ވިދާޅުވިއެވެ.

ބޮޑުފިނޮޅުގައި މަަސައްކަތް ކުރަމުން އަންނަ 200 އެއްހާ ބިދޭސީންނަށް މުސާރަ ނުދީ އޮތުމުން އެމީހުން ހިންގި ހަމަނުޖެހުމާއި ގުޅިގެން ޖަމީލް ވަނީ އެ މައްސަލަ އަކީ ވެސް އެމްޑީޕީގެ މެންބަރަކާއި ގުޅުންހުރި މައްސަލައަކަށްވާ އިރު އިންސާފު ވެރިކޮށް ބެލޭނެތޯ ސުވާލު އުފައްދަވައިފައެވެ.

މުސާރަ ނުދީ އެތައް ދުވަހެއް ވަންދެއް ގެންގުޅުން، ވެރިފަރާތަށް ލިބުނު ގެއްލުންތަކާއި އަދި މަކަރާއި ހީލަތް ހެދުމަކީ ދިވެހިންތަކެއް ރަހީނުކުރަން މެދުވެރިވި ސަބަބުތައްކަން ފާހަގަކުރައްވައި ޖަމީލް ވިދާޅުވީ މިކަމުގައިވެސް ޒިންމާ އުފުލާނެ މީހެއް ހޯދޭނެކަމާއި މެދު ޝައްކު ކަމަށް ވިދާޅުވެފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަދޫމް

    މަނިކުފާނު ތިވިދާޅުވީ ވަރައްބޮޑު ތެދެއް ފުލުހުންވަނީ ރޯޔަލް ރޭޕްކޭސްއެއްގެ ނުފޫޒުގަޖެހިފަ ކުށުގެވެށިންއަތުލިކަަމައްބުނެފަ ހައްޔަރުގަ ބަހައްޓާނެތަނެއްނުފިނިގެން ދޫކޮއްލާފަ