ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވި ށ. މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ އާރުއައިއެކްސް (ރިޒް) ކުންފުންޏަށް ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއްކޮށް ފުލުހުން މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި ފައިސާ ނުދައްކައި މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކުންފުނިން ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީން.

އަދި ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ގާނޫނާ ހިލާފު މަޖުބޫރު ކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭން ޖެހޭ މުސާރަ އާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރުވާފައިވާކަން އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އެ މަސައްކަތްތެރީންގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލަ ތަހުގީގު ކުރަނީ ފުލުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުންނެވެ.

ރިޒްގެ މައްސަލަ ފެންމަތިވެފައި ވަނީ ސީލް މޯލްޑިވްސްގެ ބޮޑުފިނޮޅުގައި 200 އަށް ވުރެ ގިނަ ބިދޭސީންނަށް އެތައް މަހެއް ވަންދެން މުސާރަ ނުދީ ގެންގުޅެފައިވާތީ ހަމަނުޖެހުން ހިންގައި ދިވެހި ބައެއް މުވައްޒަފުން ރަހީނުކޮށް ތަނުގެ މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދިން ފަހުންނެވެ. އެ ހަމަނުޖެހުންތަކުގައި ބައިވެރިވި 19 ބިދޭސީއަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

ބިދޭސީންނަށް މުސާރަ ނުދެވި އޮތީ ސީލް ކުންފުނިން ފައިސާ ނުދޭތީ ކަމަށް ރިޒާ އަދި ރިޒާގެ ވަކީލުން ވިދާޅުވެފައިވެއެވެ. ނަމަވެސް ސީލް ކުންފުނީގެ ވަކީލުން ވިދާޅުވެފައިވަނީ ރިޒް އިން ބުނާ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް ނިމުމުން، ސީލް މޯލްޑިވްސް އިން ދައްކަންޖެހެނީ 12،332،765.ރ. ކަމަށާއި އެކަމަކު ސީލްގެ ފަރާތުން ކޮންޓްރެކްޓަރަށް މިހާތަނަށް އެއަށް ވުރެ ގިނަ އިން ފައިސާ ދީފައިވާ ކަމަށެވެ.

ރިޒްގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ ސީލް އިން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ރިޒް ކުންފުނީގެ ވަކީލުން ފާހަގަކޮށް ބަޔާނެއް ނެރުނު އިރު، ސީލްގެ ވަކީލުން ބުނީ ހަވާލާދީފައިވާ އެއްބަސްވުމުގައި ކޮންޓްރެކްޓުގެ މުވައްޒަފުންގެ މަހު މުސާރައިގެ އިތުރުން މުވައްޒަފުން އިންޝުއަކޮށް މުވައްޒަފުންގެ ބޭސް ފަރުވާ އާއި ވިސާ ނެގުން ފަދަ އެންމެހާ ކަންކަމެއް ބަލަހައްޓައި އެކަމުގެ ހަރަދު ކުރާނީ ކޮންޓްރެކްޓަރު ކަމަށެވެ.

ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތަކުގައި ދެ ފުލުހަކަށް އަނިޔާވިއެވެ. އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރީ މާލެ އިން ފުލުހުން ގޮހެވެ. މާލެ އިން ފުލުހުން އެރަށަށް ދިއުމުން ނުކިޔަމަންތެރިކަން ދެއްކި ބިދޭސީން ވަނީ ސުލްހަވެރިކަމާ އެކީގައި މައްސަލަ ހައްލު ކުރަން އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މިއީ ވަރަށް ސީރިއަސް ކުށެއްގެ ތުހުމަތު މީހަކު ހައްޔަރެއް ނުކުރޭތަ

    33
    1
  2. އެމަންޖެ

    ކަލޭމެން ނިކަން ކަމެއް ވަންޏާ މިއުޅޭ ކެނެރީގޭ ބުއްޅަބޭ ހައްޔަރު ކޮއްބަލަ.

    28
    2
  3. އޮޅުވާލި ވޯޓު

    ކުށުގަ ބޮޑެތިތުހުމަތު ކުރެވޭމީހުން ހިފާހައްޔަރުކުރޭ އެކަމަކު މިމަސްސަލާގަ އެއްވެސް މީހަކުހައްޔަރެނުކުރޭ ހީވަނީ ސިޔާސީ އެޖެންޑާފަތުރަނީހެން

    23
  4. ނުކެރޭނެ

    ނުކެރޭނެ ހައްޔަރުކުރާކައް އިރުކޮޡލސކުން ބުނާނެ އެގޮތައް ތުހުމަތުކުރެވުނީ އޮޅިގެންނޭ އެއިރުން އެވީ ހުދުފޮއްޗައް

    13
  5. އުތުރުން

    މޑޕ އަށް ނިސްބަތްވާ އެކި ފަންތީގެ މީހުންނަކީ އަމިއްލަ
    މަސްލަހަތުގައި ހައް ދުފަހަނަ އަޅާފައިވާ ބައެކެވެ ތިމާއަށް
    ބޮޑުފަޅި ލިބޭގޮތަށް ހުރިހާކަމެއް ބައްޓަންކޮށް ދޭމަތިން
    އެފިކުރަށް ތާއީ ދުކުރާގޮތް ދައްކައިގެން ވަރަށްގިނަ ނާޖާއިޒް
    ފައިދދ ދާތައް އެމީހުން ދަނީ ހޯ ދަމުންނެވެ މިކަމުގެގެ ސަބަބުން
    ގައުމަށް ލިބެމުންދދ ދާ ގެއްލުންތައް އިންތިހާއަށް ބޮޑެވެ
    މިކަންކަން މިހެން ހުރިނަމަވެސް އެމީހާގެ އަތް ދަށުން
    ސަލާމަތް ވެވޭނެ ދުވަހެއް އަނދްދ ދާޒާ ކުރަންވެސް ނޭންގެއެވެ.