އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ހުކުމް މިރޭ 9:30 އަށް ފަސްކޮށްފިއެވެ.

މި މައްސަލައިގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން ފުރަތަމަ ތާވަލުކޮށްފައިވަނީ މިއަދު ހަވީރު 4:00 އަށެވެ. އަދި އޭގެފަހުން ހުކުމް އިއްވުން މިރޭ 7:00 އަށް ބަދަލުކުރުމަށްފަހު ފަހުން ވަނީ މިރޭ 8:00 އަށް ހުކުމް އިއްވާ އަޑުއެހުން ބަދަލުކޮށްފައެވެ. ނަމަވެސް މިހާރު ހުކުމް އިއްވާ އަޑުއެހުން ވަނީ މިރޭ 9:30 އަށް ފަސްކޮށްފައެވެ.

މިރޭ 8:00 ގައި ހުކުމް އިއްވުމަށް އަޑުއެހުން ފަށަން ތައްޔާރުވެފައިވަނިކޮށް ފަނޑިޔާރު އަލީ ހަމީދު ވަނީ ކުއްލިގޮތަކަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފަނޑިޔާރު އަލީ ހަމީދު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނޭވާ ހާސްވުމާ ގުޅިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އަލީ ހަމީދު މިހާރު ވަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައެވެ.

ފަނޑިޔާރު އަލީ ހަމީދު ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް އުއްތަމަ ފަނޑިޔާރު އަދިވެސް އިންނެވީ ކޯޓުގައެވެ. އެ ދެ ފަނޑިޔާރުން ވެސް ކޯޓަށް ހާޒިރުކޮށްފައިވަނީ މިއަދު ހަވީރު 4:00 ގެ ކުރިންނެވެ.

މި ދައުވާ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވަނީ އެހެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެއެވެ. މި މައްސަލަ ސާބިތުކުރުމަށް ދެފަނޑިޔާރުންނާއި ދެކޮޅަށް ވަނީ ސިއްރު ދެ ހެއްކަކާއި ކޯޓު އަމުރުތަކެއް ހުށަހަޅާފައެވެ.

މި މައްސަލައިގެ ހުކުމް މިރޭ އިއްވަން ހަމަޖެހިފައިވާއިރު ގަވަރްމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް މެދުކަނޑާލި މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި އުއްތަމަ ފަނޑިޔާރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.

މި ދައުވާގެ އިތުރުން ވެސް އިތުރު ދައުވާތަކެއް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވެއެވެ. އެ މައްސަލަތަކުގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ.