ދ. ކުޑަހުވަދޫގައި ހަދާފައިވާ އެއާޕޯޓްގައި ފްލައިން ސްކޫލެއް ހަދަން ހުއްދައަށް އެދިފައިވާ ކަމަށް ދ. އެއާޕޯޓް ބަލަހައްޓާ ކުންފުނި އަދި މަންތާ އެއާގެ ސީއީއޯ މުހައްމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން އެއާލައިންސްތަކާއި ވައިގެ ދަތުރު ފަތުރުގެ ދާއިރާ އަށް ހާއްސަކޮށްގެން ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ، ކިޔެވުން ނިންމާފައި އެވިއޭޝަން ދާއިރާއަށް ޝައުގުވެރިކަން ހުރި ކުދިންނަށް ވަޒީފާ ހޯދައި ދިނުމަކީ އެކުންފުނީގެ އެންމެ ބޮޑު އެއް އަމާޒު ކަމަށާއި އެކަމަށްޓައި ދާލު އެއާޕޯޓްގައި ފްލައިން ސްކޫލެއް އެޅުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ހަލީލް ވިދާޅުވީ، މިކަމާއި ގުޅިގެން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް، ފުރިހަމަ ކުރަން ޖެހޭ ފޯމްތައް ފުރައި ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށާއި ހުއްދަ ލިބުނުހާ އަވަހަށް މަސައްކަތް ފެށޭނެ ކަމަށެވެ.

ކުންފުނީގެ އަމާޒު ހުރީ، އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ވަރަށް ދިވެހި ކުދިން ހޯދުން ކަމަށާއި މިކަމަކީ ސްކޫލް ނިންމާ ކުދިންނަށް ކުރިމަގެއް ލިބިގެން ދާނެ ކަމެއް ކަމަށް ހަލީލް ވިދާޅުވިއެވެ.

"އޭވިއޭޝަން ދާއިރާއަކީ ރަނގަޅު މުސާރައެއް ލިބޭނެ ދާއިރާއެއް. ގްރޭޑް 10 ނޫނީ 12 ނިންމާ ކުދިން އައިސް ތަމްރީނު ހާސިލްކޮށް، ވަޒީފާއަށް ނިކުމެވޭނެ. އެއީ ޕައިލެޓްކަން ވިއަސް ގްރައުންޑް ސްޓާފް ވިއަސް އަދި އެއާކްރާފް އިންޖިނިއަރިން ކަމުގައި ވިއަސް" ހަލީލް ވިދާޅުވިއެވެ.

ހަލީލް އިތުރަށް ވިދާޅުވީ، ދ. ކުޑަހުވަދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ ހުއްދަތައް ނެގުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ

ދ. ކުޑަހުވަދޫގައި ރިއޯލޯ އިންވެސްޓްމަންޓުން 20 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކުރި ދާލު އެއާޕޯޓް ނިންމައި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން އެއްވަނަ ދުވަހުއެވެ. މި އެއާޕޯޓަކީ 1,800 މީޓަރުގެ ދިގު ރަންވޭއެއް އޮންނަ، ޕްރައިވެޓް ޖެޓް ޕާކިން އޭރިއާއަކާއި އެކީ ހަދާފައިވާ އެއާޕޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜޮނާ

    އާ ރަނގަޅު ވާނެ. މިހާރުވެސް އައާޕޯޓް ކުދިން ގެ މުސާރަ އެހާ ބޮޑޭ. ފުރަތަމަ އެކުދިން އެކުރާ މަސައްކަތައް ރަނގަޅު އުޖޫރަ އެށް ދެވޭތޯ ބަލާބަލަ.

    5
    1
  2. Anonymous

    ކޮން ފްލައިންގ ސްކޫލެއް ހަދާކަށްތަ! ތި އެއަރޕޯޓް ހެދި މީހުން ރަށާއި ހިއްކި ސަރަހައްދު ހިމާޔަތް ކުރަން ކުރަންޖެހޭ އެއްކަމެއްވެސް ކޮށްފައެއްނުވޭ!! އެތައް ހަރަދެއް ކޮށްގެން ހިއްކާފައޮތް ސަރަހައްދުން ބޮޑު ސަރަހައްދެއް ގިރައިގެން ހިނގައްޖެ! އެއަރޕޯޓް ކުރިމަތީ މަގު އެއޮތީ ތާރުއަޅާފަތަ! ރަށުފަޅުތެރެއިން ވެލިނަގައިގެން ގަވާއިދާޚިލާފައް ތިޔަ އެއަރޕޯރޓެއް ހަދާފަ އެއޮތީ! ރީތިކޮށް ބޮޑު ސިންގާ ކޮށް ކިކޫތާފެނުގަ ހިނގާލެވޭ ސަރަހައްދު އެއޮތީ ބޮޑު ފުން ވިލަކަށްވެފަ! މިއިން ކަމެއް ރަނގަޅު ކުރަން ވީނު!! ކޮން ފްލއިން ސްކޫލެއް ގެ ވާހަކައެއް!!!

    2
    4