ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރާ ނިރުބަވެރި ދައުވާއާ ގުޅިގެން މިއަދު ބާއްވަން ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

ދައުލަތުން ނަދީމާއި ރިޔާޒްގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ދުރާލައި ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި، ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތްކޮށް،ގާނޫނުއަސާސީން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީގެން އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫ އަރައި،ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ދެ ބޭފުޅުން އަމަލު ކޮށްފައިވާ ކަމަށް ދައުވާގައި ވެ އެވެ.

މީގެ އިތުރުން، ވެރިކަން ވައްޓާލަން މިދިޔަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ދެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

އަދި ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރި ކުރަން ރިޔާޒާއި ނަދީމް އުޅެފައިވާ ކަމަށް ދައުވާގައިވެ އެވެ.

ރިޔާޒާއި ނަދީމުގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މި މައްސަލައިގައި ދެ ބޭފުޅުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ބޭފުޅުންނާ ދެކޮޅަށް ކުރާ ދައުވާއާ ގުޅިގެން މިހާތަނަށް ބޭއްވީ އެންމެ އަޑުއެހުމެކެވެ.