މާލެ އިން ރ.އަތޮޅު ހުޅުދުއްފާރަށް ގޮސް ގޭގައި ކަރަންޓީން ވެގެން ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހުޅުދުއްފާރު ކައުންސިލް މެންބަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މެދު އުމުރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

"އޭނާ ޓެސްޓް ކުރީ ކަރަންޓީންގައި ހުންނަތާ 14 ދުވަސް ވުމުން ކަރަންޓީނުން ދޫކޮށްލުމަށް. އޭނާ ދިރިއުޅެމުން އައީ އެކަނި ގެއެއްގައި. ނަމަވެސް އޭނާ އަށް ކާތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް އެހެން މީހަކު ކޮށްދިން. ދެމީހުން ވެސް މިހާރު ތިބީ ކަރަންޓީންގައި." ކައުންސިލް މެންބަރު ވިދާޅުވިއެވެ.

ރޭ ރ.އަތޮޅު ދުވާފަރުން ވެސް ތިން މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެމީހުންނާއި ރަށުގެ އެހެން ބައެއް މީހުންނާއި ބައްދަލު ވެފައި ވާތީ ދުވާފަރަށް އަރައި ފޭބުން މިހާރު ވަނީ މަނާ ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 2664 އަށް އަރާފައެވެ. ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 2268 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ފަރުވާ ހޯދަމުންދަނީ 368 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު