މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް މާލެއަށް ކަރަންޓު ފޯރުކޮށްދެމުންދާ ސްޓެލްކޯ އިން ބުނެފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯ އިން ބުނެފައި ވަނީ، ކަރަންޓު ކެނޑުމަށް ހަމަޖެހިފައި ވަނީ ކުންފުނިން ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކެއް ކުރުމަށްޓަކައި ކަމަށެވެ.

މިގޮތުން މި މަސައްކަތްތަކާއި ގުޅިގެން މާދަމާ ހެނދުނު މާފަންނުގެ އާބުރުޒުމަގާއި، ފާމުދޭރިމަގު އަދި އިސްކަންދަރު މަގު ހިމެނޭ ސަރަހައްދުން 9:30 އިން 10:30 އަށް ކަރަންޓު ކަނޑާލާއިރު، ވިލިމާލޭގެ ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދުން 10:00 އިން 11:30 އަށް ކަރަންޓުގެ ޚިދުމަތް ކަނޑާލާނެ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ، މިގަޑިތައް މިގޮތަށް ބަޔާންކޮށްފައި ވީނަމަވެސް، މަސައްކަތްތައް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދޭނެ ކަމަށެވެ.

އެހެންކަމުން މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް އެދޭކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.