ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން ވާޑް އިމާރާތް އަޅަން ފަށާފައިވާ ކަމަށް އެމްޓީސީސީން މިއަދު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އިން ވިދާޅުވީ މިހާރު ކުރަމުން ދަނީ އިމާރާތަށް ބޭނުންވާ ތަނބު ޖެހުމުގެ މަސައްކަތް ކަމަށެވެ.

މި އިމާރާތުގެ ފުރަތަމް ޝީޓު އެޅުމުގެ މަސައްކަތް އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ފެށޭނެ ކަމަށާއި މި މަޝްރޫއުގެ ދަށުން އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އެމްޓީސީސީ އިން ވިދާޅުވީ މި މަޝްރޫއުއާއެކު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

މި މަސައްކަތުގެ ދަށުން 30 އެނދުގެ ވާޑް އިމާރާތެއް އެޅުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، މައި އިމާރާތާއި އޮފީސް އިމާރާތް ވޯކްވޭ އަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ މަރާމާތް ކުރުމަށް ކުރަންޖެހޭ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 30.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ މޭ މަހުގެ 17 ވަނަ ދުވަހުއެވެ.