ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް އަހުމަދު ސުލައިމާން މަގާމުން ވަކި ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ އެރުއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ސުލައިމާން މަގާމުން ވަކި ކުރެއްވުމަށް ރައީސަށް ލަފާ އެރުއްވުމަށް ފާސް ކުރެއްވީ 58 މެންބަރުންގެ ވޯޓުންނެވެ. ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނު މިއަދު ރައީސް އަށް އެކަން އަންގަވާނެ ކަމަށެވެ.

ސުލައިމާން މަގާމުން ވަކި ކުރެއްވުމަށް ރައީސް އަށް ލަފާ އެރުވުމަށް މަޖިލީހުން ފާސްކޮށްފައި މިވަނީ އެންއައިސީގެ ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި މަހުގެ 8ވަނަ ދުވަހު ނިންމާފައި ވަނިކޮށެވެ.

އެންއައިސީގެ މެމްބަރުންގެ މައްސަލަތަކެއް އެ ކޮމިޓީން ބަލަން ފެށީ މީގެ ދުވަސްތަކެއް ކުރިންނެވެ. އަދި އެ މައްސަލަތައް ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ނެގިއެވެ. އަދި ކޮމިޝަންގެ ބައެއް މެމްބަރުން ހާޒިރުވެސް ކުރިއެވެ. އެ ސަބް ކޮމިޓީން މައިގަނޑު ގޮތެއްގައި ދިރާސާ ކުރީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުންނާ މެދު ކޮމިޝަނުން އަމަލު ކުރި ގޮތެވެ.

ސަބް ކޮމިޓީގެ މަސައްކަތް ނިންމައި އެކުލަވާލި ރިޕޯޓުގައިވާ ގޮތުން އެންއައިސީގެ ހަތަރު މެންބަރަކު އެކަށީގެންވާ ގޮތަކަށް މަގާމުގެ މަސްއޫލިއްޔަތު އަދައެއް ނުކުރެއެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ކޮމިޝަންގެ ނައިބު ރައީސް ހައްސާން ހަމީދު އާއި، މެންބަރު އަހުމަދު އަމީން އާއި، މެންބަރު ހަދީޖާ އަބްދުﷲއެވެ.

އެ ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވަނީ އަހުމަދު ޖިހާދެވެ. އޭނާއަކީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ކޮމިޝަންގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވި ބޭފުޅެކެވެ.

މިގޮތަށް ނިންމުމާއި ގުޅިގެން އެ ކޮމިޝަނުގެ ނާއިބު ރައީސް ހައްސާން ހަމީދާއި އެންއައިސީގެ މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީންނެވެ. މި ތިން ބޭފުޅުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމީ

    ކަލޭމެން ސަރުކާރު ހުރިހާ ތަނެއްގަ ތިބި ރީނދޫ ހުންޖެހިފަ ނެއް އެންމެން ކަނޑާލަބަލަ.

  2. އަޒީބެ

    ކޮންގާނޫނީ ބާރެއް އޮތީ މަޖިލީހަށް

    އެގްޒެކްޓިވް ބާރުގެ ތެރެއަށް އަތްބާނަން..

    ޤާނޫނާއި ޚިލާފު އަމަލެއް ކުއްވެރިކުރަން..