ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޢަދަދު ގިނަވަމުން ދާތީ، މިއީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެނެސް ފިޔަވަޅުތައް ހަރުދަނާ ކުރަންވީ ވަގުތު ކަމަށް ސަރުކާރު ކޯލިޝަން އެމްއާރްއެމް އިން ބުނެފިއެވެ.
ރާއްޖޭގެ މިނިވަން ކަމަށް 56ވަނަ އަހަރު ފުރުން މުނާސަބަތާއި ގުޅިގެން އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިނިވަން ދުވަސް މިއަހަރު ދިވެހިންނާ ބައްދަލު ކުރިއިރު، ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޮވިޑް-19 ވަނީ މުޅި ދުނިޔޭގައި ފެތުރިފައި ކަމަށެވެ. ކޮވިޑް-19 ގެ ސަބަބުން ދިވެހިންގެގެ ދިވެހިރާއްޖެ ވެސް ވަނީ މި ވަބާ ތަހައްމުލް ކުރަން ޖެހިފައި ކަމަށާއި އެކަމުގެ ސަބަބުން ދިވެހިން އާންމުކޮށް އުޅެމުން އައި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.
އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި އެންމެން ދެކެން ޖެހިފައިވާ ކަމަށާއި މިއަދު މި ބަލީގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ މިނިވަން ކަމަށް ހީނުކުރާ ފަދަ ބޮޑެތި ދަތިތަކަކާ ކުރިމަތި ލާންޖެހިފައިވާ ކަމަށް އެމްއާރްއެމް އިން ބުންޏެވެ. އެކަމުން ސަލާމަތްވެ ކުރީގައި އުޅުނު މިނިވަން ދިރިއުޅުން އިއާދަ ކުރެވޭނީ، އެންމެން އެކުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެން ކަމަށާއި ސަރުކާރުގެ އެންގުންތަކާ އެއްގޮތަށް ހުރިހާ އެންމެންވެސް އަމަލު ކޮށްގެން ކަމަށް އެމްއާރްއެމްގެ ބަޔާނުގައިވެއެވެ. އެހެންކަމުން، ފަރުދީ ޒިންމާ އަދާ ކުރުމަށް ޢަޒުމު ކަނޑައަޅަން ޖެހޭ ކަމަށް އެޕާޓީގެ ބަޔާނުގައިވެއެވެ.
:މީގެ އިތުރުން، ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޢަދަދު ގިނަވަމުން ދާތީ، މިއީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެންނަވައި، އެއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ވަގުތެއް ކަމުގައި ދެކެމެވެ. މިނިވަންދުވަސް އައި އިރު ރައްޔިތުންނަށް މިވަނީ، މިނިވަން ކަމާއެކު އެއްރަށުން އަނެއް ރަށް ދަތުރުކުރެވޭނެ ޙާލަތާއި ގޮތް ނެތިފައި އެކަމުގެ ދަތިތަކާއި ކުރިމަލާން ޖެހިފައެވެ. މިޙާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާ ކުރުން މުހިންމު ކަމުގައި ދެކެމެވެ." އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި މިނިވަންކަން ހޯދުމަކީ އެކަމުގައި އެތައް ބަޔެއްގެ ބޮޑެތި ޤުރުބާނީތަކަކާއި ޙައްޤުތައް ޝާމިލުވާ ކަމެއްކަމުން މިނިވަންކަން ހޯދުމަށްވުރެ، އެ ލިބުނު މިނިވަންކަން ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެއް ކަމަށް ވަނީ ބުނެފައެވެ. ކިތަންމެ ގޮންޖެހުން ބޮޑުނަމަވެސް އެކަމުގެ ޒިންމާއާ މައްސޫލިއްޔަތު އެޅިފައި އޮންނަނީ އެއިރެއްގެ ސަރުކާރެއްގެ ކޮނޑުގައިކަން ފާހަގަކޮށް އެމްއާރްއެމް އިން ބުނީ އެ މިނިވަންކަން ދެމެހެއްޓުމަށް ރައްޔިތުންވެސް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެއީ އެކަންކުރުމަކީ، ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އަންނަ ޤާނޫނު އަސާސީ އިން ދިވެހި ދައުލަތާއި ރައްޔިތުންނަށް ލާޒިމްކޮށްފައިވާ ކަމަކަށްވާތީ ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން އިސްވެ ހުންނަވާ އުފެއްދި އެމްއާރްއެމް އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމީ

    ޗަޕާރޓީ މޭން . ގައުމު ވިއްކާލުމުގެ އިސްމޭސްތިރީ ކޮން ރައްޔިތުނޭ ތިކިއަނީ އަނގަނުތަޅާ ތިޔައޮންނަ ތަނެއްގަ އޮވެބަލަ ..

  2. ސިނެކް

    މރމ ދައްކާ ވާ ހަކަޔެއް މިސަރުކާރު އަޑެއް ނާ ހާނެ ޖާބިރު ގެމުށުތެރޭ މިސަރުކާރު އޮތީ

  3. ޢަލީކޮއި

    ކޮވިޑުގެ ހާލަތާ ގުޅިގެން މައުމޫނުގެ ދެވަނަ އިލްތިމާސް ސަރުކާރަށް،،،،،، އަޑެއް ނީވޭނެ، ކަންފަތް ބީރު ސަރުކާރެއް، އެކަމު އަދިވެސް ތިޔަ ހުންނަވަނީ ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅަށް އަރުއްވައިގެން ހެވިފަނޫންތޯ!