ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަށް މަޖުބޫރު ކޮށްފައިވާއިރު، އެ އެންގުމާ ޚިލާފު ވެގެން ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ، މާސްކް ނާޅާ މީހުންނަށް ފުލުހުން ފުރަތަމަ ދެނީ ނަސޭހަތް ކަމަށެވެ.ދެވަނަ ފަހަރަށް ނަސޭހަތް ދިނުމުން ވެސް އެކަން ރަނގަޅު ނުކޮށްފި ނަމަ ޖޫރިމަނާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތުން މިއަދު 116 ފަރާތަކަށް ނަސޭހަތް ދެވިފައިވޭ. އަދި ހަތަރު ފަރާތެއް މިހާތަނަށް ވަނީ މިއަދުގެ އެކަކުން ފެށިގެން ނުވައަކާ ހަމައަށް ޖޫރިމަނާ ކުރެވިފައި،" ޑރ.ނަޒްލާ ވިދާޅުވި އެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކް ނާޅާ މީހުން 1،000ރ. އިން ޖޫރިމަނާ ކުރަން އެޗްޕީއޭ އިން ނިންމައި އެނިންމުމަށް އަމަލު ކުރަން ފެށީ މިއަދުއެވެ. މާސްކް އެޅުން މިއަދު މަޖުބޫރު ކޮށްފައި ވަނީ ކޮވިޑް-19 ފެތުރުން އިންތިހާއަށް އިތުރު ވެފައި ވާއިރުވެސް ސަރުކާރުން ހަރުކަށި ފިޔަވަޅުތައް ނާޅާ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ވިދާޅުވީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ގެއިން ބޭރުގައި އުޅޭ އިރު އަނގަ އާއި ނޭފަތް އަދި ދަތްދޮޅި ނިވާ ގޮތަށް މާސްކް އަޅަންޖެހޭނެ ކަމަށެވެ.

ނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން މި އެންގުމުން އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. މާސްކް އެޅުން މަޖުބޫރު ކުރީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުންނެވެ.

ފުލުުހުން ވިދާޅުވީ މިއަދުން ފެށިގެން އެޗްޕީއޭގެ އެންގުން ތަންފީޒު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕައްލަންބެ

    Mask neylheema joorimanaa kuraa gothah sarukaarun nimmikamah media ga kiyaaulhunee. Joorimanaa nukoh, naseyhaiy dhinee kon hamayakunbaa

  2. އޮޅުވާލި ވޯޓު

    ޖޫރިމަނާސަރުކާރުން ޖޫރިމަނާކުރާނެ ތިކަމެއޮޅިފާކާނޯވޭ ނުދޭނަން ތިފައިސާއެ ދުވާލަކު 24 ފަހަރު ޖޫރިމަނާކުރިޔަސް ވަރިހަމަ