ގާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ޚާއްޞަކޮށްގެން އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށް ގެންދަންވާނެ ކަމަށް ބަޔާންކޮށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ތަސްދީގު ކުރައްވައިފިއެވެ.

އެ ބިލަކީ 22 ޖުލައި 2020 ވި ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. އެ ބިލް ފާސްކޮށްފައި ވަނީ 71 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހުގައިވާ ކަންތައްތަކަށް ބަލާއިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމު ދޭ މަރުކަޒަކުން ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ގާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ހާއްސަކޮށްގެން އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށް ގެންދަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

އަދި މި ތަމްރީނު ޕްރޮގްރާމުގައި ހިމެނޭ ވަކިވަކި ބައިތަކާއި، ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންގެ ފެންވަރު ވަޒަންކުރާނެ ގޮތް ބަޔާންކުރާ އުޞޫލު ބާ ކައުންސިލުން އެކުލަވާލައި، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި، ގެޒެޓުގައި ޝާއިޢުކުރަން ޖެހެއެވެ. އަދި މި އުޞޫލު ގެޒެޓުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި، އެ ތަމްރީނު ޕްރޮގްރާމް ފަށަންޖެހޭގޮތަށް ވެސް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.

ތަމްރީނު ފުރުހަމަ ކުރާ ވަކީލުން 21 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލުކަމުގެ ހުވާ ކުރަން ވާނެ ކަމަށްވެސް ޖުޑީޝަރީ ކޮމެޓީން އެކުލަވާލި ރިޕޯޓުގައިވެއެވެ. އެ އިންތިޒާމު ހަމަޖައްސަން ވާނީ ބާ ކައުންސިލުން ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަކީ 27 ޖޫން 2019 ގައި އަމަލުކުރަން ފަށާފައިވާ، ރާއްޖޭގައި ގާނޫނީ ވަކީލުންނާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓް ކުރުމާ ގުޅޭ ގޮތުން އަމަލުކުރަންވީ ގޮތްތައް ބަޔާންކޮށްދީފައިވާ ގާނޫނެވެ.

މި ގާނޫނުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމުގެ އުޞޫލުތައް ބަޔާންކޮށްފައިވާއިރު، އެއީ އޭގެ ކުރިން އަމަލުކުރަމުން ގެންދިޔަ އުސޫލާއި ވަރަށް ތަފާތު އުސޫލުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    ކިހާ ބޮޑު މުސީބާތެއްހޭ.... ޑިއުޓީއާއި ޖޫރިމަނާކޮށް ރައްޔިތުން ނޮޅާ ކައިފި.. އެނަރޖީ ދަޅެއްވެސް އަގުބޮޑުކަމުން ބޯލެވެނީއެއް ނޫން. ޒުވާނުން މިޔަދު ރޮއެރޮއެފަ ގޮވަނީ ރައީސް ޔާމީންއަށް