މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ޢަބްދުﷲ ގެއްލުވައިލުމާއި ގުޅޭ އިތުރު މަޢުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެ މައުލޫމާތު ހިއްސާކޮށްދިނުމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަަތައް ބަލާ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން މީގެ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ރިލްވާންގެ ޢާއިލާއާއި، ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއްނޭގި ގެއްލިފައިވާ އެހެނިހެން މީހުންގެ ޢާއިލާތަކަށް އިންސާފު ހޯދައިދިނުމަށް މި ކޮމިޝަނުން ބުރަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް އެ ބަޔާނުގައި ވެެއެވެ.

ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އެ ކޮމިޝަނަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާއި ގުޅިގެން، ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި އެފަދަ މާހިރެއް ޢައްޔަނުކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މަރު ކޮމިޝަނުގެ ބަޔާނުގައި އެ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ، ޖުލައި މަހުގެ 02 ވަނަ ދުވަހު ރިލްވާން އާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ އާއިލާތަކާއި އެމަނިކުފާނާއި ބައްދަލު ކުރެއްވުމަށްފަހު ކަމަށް ވަނީ ބުނެފައެވެ.

އެ ނިންމެވުމާއި ގުޅިގެން، ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ތަމްރީނާއި ތަޖުރިބާ ހޯދާފައިވާ ބޭރުގެ މާހިރެއް ހޯދުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ގުޅިގެން ކުރަމުން ގެންދާ ކަމަށްވެސް އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ ގެއްލުވައިލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ކޮމިޝަނަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ރިލްވާން ގެއްލުވައިލުމާއި ގުޅޭ އިތުރު މައުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށާއި އެ މައުލޫމާތު އެ ކޮމިޝަނާއި ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް އޮތްކަން ވަނީ ފާހަގަކޮށްފައެވެ. އަދި، އެފަދަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އެ ކޮމިޝަނުން ވަނީ އަރުވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޝަމީމް

  ކޮބައިތޯ އޭސީޕީ ރިޔާޒް. ބަނގަލަދޭޝްގަ މަރުވި ދިވެހި އަންހެން ކުއްޖެއްގެ އައިފޯނު ގެސްކޮށްގެން ޕާސްވޯޑް ޖަހައިގެން އައިފޯނު ހުޅުވިކަމަށް ރިޔާޒް ބުނި. ޢެހެންވީމާ ތިކަމުގަވެސް ރިޔާޒް ގެސް ކޮށްލާއިގެން ބުނެބަ

 2. ބޭކާރު

  މިނިވަން ނޫހުގަ ލިޔުނު ކަމަށް ރިޕޯޓްގަ ލިޔެފާއޮތް ލިއުން ފުތަތަމަހޯދަބަލަ އެހޯދީމަމަގު ކޮށިދާނެ ކޮމިަސަނަކީ ކީއްކުރާ ތަނެެއް

  12
 3. ކެކެކެ

  މަރުކޮމިޝަން މަރުވެފަ އަލުން ދިރިއްޖެ.

  12
 4. އަލި

  ފެނުނީތަ

 5. ބޮރޮ

  ރިޕޯޓްގަ ބުނާ މިނިވަނ ނޫހަށް އިންޓަވިޔު ދިނީ ކާކުތޯ ބަ ލާ އެމީހާ ހައްޔަތުކޮށްބަލަ

 6. ވިސްނޭ

  ދެން މަރުކޮމިޝަން ތީ ކީކުރަން އުޅޭބައެއް..މިވީހާދުވަހު ކީކުރީދެން..