އައްޑޫ ސިޓީ ހިތަދޫ އިން ކޮވިޑް-19 އަށް ފައްސިވި އުމުރުން 38 އަހަރުގެ ބިދޭސީ މީހާއާ ކޮންޓެކްޓްވި އެންމެންގެ ސުންކުތައް ނައްސިވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ އިއްޔެއާ ހަމައަށް ބިދޭސީ މީހާއާ ދިމާވި 24 މީހުންގެ ސުންކު ނައްސިވެފައިވާ ކަމަށެވެ.

ބިދޭސީ މީހާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވާ މީހުންގެ ސުންކު ނައްސިވި ނަމަވެސް، ހިތަދޫއިން ފައްސިވެފައިވާ 58 އަހަރުގެ ދިވެހި އަންހެން މީހާއާއި ކޮންޓެކްޓްވި މީހުންގެ ސުންކުގެ ނަތީޖާ އަދި ބުނެދެން ނޭނގޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި އަންހެން މީހާއާއި މިހާތަނަށް ދިމާވެފައިވަނީ ދެ މީހުންނެވެ. އެދެމީހުންގެ ސުންކުވެސް މިހާރު ވަނީ ނަގައިފައެވެ.

އައްޑޫސިޓީން މިހާތަނަށް ތިން މީހަކު ފައްސިވެފައިވާ އިރު، އޭގެތެރެއިން އެކަކީ މިމަހުގެ ހަ ވަނަ ދުވަހު މާލެއިން އައިސް ހޯމް ކަރަންޓީނުގައި ފޭދޫގައި ހުރި ފުލުހެކެވެ. އޭނައާއި ދިމާވެފައިވާ ހަ މީހަކު މިހާތަނަށް ވަނީ ފެނިފައިވާއިރު އެ އެންމެންގެ ސުންކުވެސް ވަނީ ނައްސިވެފައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުޥީ އައްޑޫ ސިޓީ އިން މި ބައްޔަށް ފައްސި އެންމެންގެ ހާލަތު ވެސް ރަނގަޅު ކަމަށެވެ.

އައްޑޫ ސިޓީން ބަޔަކު މީހުން ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ރަށު ހިތަދޫ އަށް މީހުން އަރާ ފޭބުން މަނާކޮށް، ރަށް މޮނިޓަރިންގެ ހާލަތަށްވެސް ގެނައެވެ. ނަމަވެސް އެޗްޕީއޭއިން މިހާރު ވަނީ އެ ރަށުގެ މޮނިޓަރިންގެ ހާލަތު އުވާލައިފައެވެ.