އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި އެކު އެމްޑީޕީގެ ދެތިން މެންބަރުން އުޅެނީ ސަރުކާރު ހަލާކު ކޮށްލަން ކަމަށް ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވީ މިރޭ "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މަގާމުން ދުރުކުރުމަށާއި، އެފްއޭއެމް އާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ކުރަމުން ގެންދާ މަސައްކަތައް އިޝާރާތް ކުރައްވާ މިނިސްޓަރ މަހްލޫފް ވިދާޅުވީ އަލީ އާޒިމް ދެކެ ބިރުން ކުޅިވަރު ހަލާކު ކޮށްލަން ބައިވެރިވާ މީހަކަށް ދުވަހަކު ވެސް ނުވާނެ ކަމަށެވެ. "އަޅުގަނޑު މަގާމުން ދުރުކޮށްފާނެތީ އަލީ އާޒިމް ބުނާ ގޮތަކަށް ކަންތަކެއް ނުކުރާނަން." މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާތީ މިނިސްޓަރ ވިދާޅުވީ "ދެތިން މެންބަރަކު މީތި ހަލާކު ކޮށްލަން" އެބައުޅުއްވާ ކަމަށެވެ.

"އެބޭފުޅުން އެކުރައްވާ މަސައްކަތް ކާމިޔާބު ވާނެހެނެއް ހިޔެއް ނުވޭ. ވަޒީރުންނާއި އެކު ވަރަށް ގުޅިގެން އެމްޑީޕީގެ ގިނަ މެންބަރުން މަސައްކަތް ކުރައްވަނީ. މެންބަރުންގެ ފްރަސްޓްރޭޝަންތައް ހުންނާނެ ދާއިރާގެ ކަންކަން ނުވަންޏާ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިޝާރާތް ކުރައްވާ ދެތިން ބޭފުޅުންނަކީ ކޮން ބޭފުޅުންނެއްތޯ ޕްރެޒެންޓަރ ސުވާލު ކުރުމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ އެއިން އެއްބޭފުޅަކީ އަލީ އާޒިމް ކަމަށެވެ. "އަލީ އާޒިމަށް އެމްޑީޕީ ޕީޖީގެ ތާއީދެއް މިހާރު ނޯންނާނެ. އަލީ އާޒިމް ކުރައްވާ ކަންތައްތަކުގެ ސަބަބުން ވަރުގަދަ އަށް އޮތް ސަރުކާރެއް ހަލާކުވެގެން ދިއުމަކީ ވަރަށް ދެރަކަމެއް." މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

މެމްބަރު އާޒިމް މީގެ ކުރިން މީގެ ކުރިން، މިނިސްޓަރ މަހްލޫފްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވައްދަން މަސައްކަތް ކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް އާޒިމް ވަނީ އެފަދަ ކަމެއް ކުރައްވަން ނޫޅުއްވާ ކަމަށް ވިދާޅުވެފައެވެ.

މިިނިސްޓަރ ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރާތީ އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން ވެސް މިހާރު ދަނީ ފާޅުގައި އެކަމާއި ދެކޮޅު ހައްދަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މާރިޔާ

    ނަސީދު ތިޔަހުރިހާ ކަމެއްގެ މޭއިސްތިރިޔަކީ.

    40
  2. ޢަހޫ

    ރިސޯޓެއްގެ މޫދުގަ ފެންތަށިހިފައިގެންތިބި 2 މީހުންވެސްދޯ.

    28
  3. ގަން

    ޢަލީ އާޒިމުގެ މަތީގައި ހުރީ ނަޝީދު...ކޮންމެ މީހަކުވެސް އެތިބެނީ ވެރިކަމަށް ފެން ބޮވައި އަރުތެރެ ހިކި ލޭގެ ރަހަ ލާފައި....އެއްވަރުގެ މީހުން މިއުޅެނީ.... ދެއުޅިޔެއްވާ ހަމަ އެކަކުވެސް ނެތީއޭ ކިޔޭނީ ދެން...އިޚްލާޞްތެރިން ދެކެ އަމިއްލަ އެދުން ބޮޑުމީހުން އަބަދުވެސް ޖެހިލުންވާނެ.....ﷲ އަޅަމެންނަށް މި ޕާޓީތަކުގެ ޢާފާތްތަކުން ސަލާމަތްކަން ދެއްވާށި...އާމީން

    14
  4. ލައޮލާ

    ރީލޯޑު ބުއްޔަސް ތެދެއް ހަމަވާނި ތެދެކަން

    13
  5. ކިނބޫ

    އަލީ އާޒިމެކޭ ކިޔާނެ ކަމެއް ނެތް ކޮބާހޭ އެމްއެމްޕީއާރްސީގެ 32 މިލިއަން ރުފިޔާ. ކައި ހުސްވެއްޖެހޭ ބާކީ އެތިކޮޅެއް ނެތްހޭ. ތާހިރެއް ނޫނޭ އަރާ އަނގަ ފަތުރާކަށް. ތީ ހުސް ވަގުން. ގުދޯގުދޯ ގޮވާ އަޑުފަށްގަނޑު ބާރުވަނީ.

    15
  6. ބޭޗާރާ

    ލާދީނީ އިލްމުވެރިޔާ އީވާގެ ބަހަކީ ކޮބައިބާ؟

    49
    2
  7. ނަން

    މިހާރު މަޖިލީހުގައި އެތިބީ
    ރޯނުއެދުރުން ތަކެއް

    15
  8. ފިލްވް

    ޑީއާރުޕީ އިން އައި މީހުންގެ ފިތުނަ.

    5
    3
  9. ގލ

    މިސަރުކާރު ތެރެއިން އައްނިގެ މުގޫތައް ސާފުކޮށްގެންނޫނީ މިގައު މަށް ހަ މަޖެހު މެއް ނުލިބޭނެއެވެ. އައްނިއަކީ މިގައު މަށް
    އޮތް ވަރަށް ބޮޑު ހުރަހެކެވެ.

  10. އިތުބާރު.

    ދައުރު ހަމަ ނުވަނީސް މެމްބަރުންގެ އިތުބާރު ނެތްކަމަށް ފާސްކުރެވޭނެ ނިޒާމެއް ތައާރަފް ކުރަން ފެނޭ ދާއިރާގެ ރައްޔިތުންގެ ޕެޓިޝަނެއް ހުށަހަޅައިގެން. އެއީ މެމްބަރު ހޮވުމަށް ކޮމިޝަނުން އިއުލާނުކުރި ވޯޓު ލިސްޓުގެ ވަކި އިންސައްތައެއްގެ ސޮއި ހުށަހަޅައިގެން އިލެކްޝަންސް ކޮމިޝަނުން އެ ދާއިރާއެއްގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން. މިހާރު މިވާ ގޮތަކީ ހޮވުނީމަ މެމްބަރު ދާއިރާގެ ރައްޔިތުންގެ އިހުސާސްތައް ނުބަލާ.