ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީ އަށް ރައްޔިތުން ދިނީ "އިދިކޮޅު ހެދިގެން" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޖެއްސުން ކުރާކަށް ނޫން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ އެގޮތަށް ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ކުރައްވާ މަސައްކަތްޕުޅާ ގުޅިގެންނެވެ. ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ވިއްސަކަށް އެމްޑީޕީގެ މެމްބަރުން ވަނީ ސޮއިކުރައްވައިފައެވެ.

އެކަމާ ގުޅިގެން ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން އެމްޑީޕީ އަށް ވެރިކަން ދިނުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިސްބަތްވާ ޕާޓީ އަށް މަޖިލިހުން 65 ގޮނޑި ދިނީ އުނދަގުލަކާ ނުލައި މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒު ކުރަން ކަމަށެވެ.

އަދި މަޖިލިހުގެ މެޖޯރިޓީ ދިނީ އިދިކޮޅު ޕާޓީ ހެދިގެން މަޖިލިސް މެދުވެރިކޮށް ރައީސް އަށް ޖެއްސުން ކުރަން ނޫން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"މިހާރު ދެން ބޮޑުވަރު،" ސަރުކާރު ހަލާކުވާ ގޮތަށް އެމްޑީޕީގެ ދެ ތިން މެމްބަރަކު މަސައްކަތް ކުރައްވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވި ހަބަރެއް ޓުވީޓު ކުރައްވައި ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ އިއްޔެ ވިދާޅުވީ ފައްޔާޒަކީ މި ސަރުކާރުގެ އެންމެ ހީވާގި އެއް ވަޒީރު ކަމަށެވެ. އަދި އޭނާގެ ފުރިހަމަ އިތުބާރު ފައްޔާޒް އަށް އެބައޮތް ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް ނަޝީދެވެ. އެކަމަކު، އެ މައްސަލައިގައި ނަޝީދު އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެކަމަކު، ފައްޔާޒް އަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ މިނިސްޓަރު ދިފާއު ކުރައްވަމުންނެވެ.

މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރަން އުޅޭ ސަބަބެއް އެކަމުގައި އުޅޭ އެމްޑީޕީގެ މެމްބަރުން އަދި ހާމައެއް ނުކުރައްވައެވެ. އެ މައްސަލައިގައި ފައްޔާޒް ވިދާޅުވީ، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭ ސަބަބެއް ވިސްނާ ވިސްނާ ވެސް އެނގިވަޑައިނުގެންނެވި ކަމަށެވެ. އަދި އިތުބާރު ގެއްލޭ ފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ވެދޭނީ މަދުވެގެން 10 މެމްބަރުން ސޮއިކުރައްވައިގެންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ. މަޖިލިހުގައި ހިމެނިވަޑައިގަންނަވާ 87 މެމްބަރުންގެ ތެރެއިން 65 މެމްބަރުންނާ އެކު ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީއަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ތުއްތު ދީދީ

  ނަޝީދު އެކަން ކުރަން ނިންމެވީ މި މީހުންގެ ލާބަ އާއި މަންފާ އަށް!

  15
  6
  • ތުއްތީދި

   އެހެންތަ. ނަޝީދު އެންމެ ފަހު ވަގުތު ބުނާނެ ތިމަންނާ އަކަށް އިނގޭ ކަމެއްވެސް ނޫނޭ ތިޔައީކީ. ތިމަންނާއެއް ނޯ ކޮންފިޑެންސް ވޯޓެއް ނަގާކަށް ބުނެފާއެއްވެސް ނޯންނާނެއޭ. ތިޔަ ވިދާޅުވަނީ އަޅުގަނޑު ހަމަ ހޭގައި ހުރެފައި ދައްކާނެ އަދި ކުރާނެވެސް ކަމެއް ނޫނޭ.

   15
 2. ޥާނުވާ

  ނަޝީދު ބޭނުމެއް ނުވޭ މައުސޫމަށް ވޯޓްދޭކަށް.އެހެންވެ ކޮންމެވެސް ޗަރުކޭހެއް ކުޅެނީ. މިހާރު އެމް.ޑީ.ޕީ ގެ ވިޕްލައިނާ ޚިލާފްވި މެންބަރުންގެ ވާހަކައެއް އާޒިމްވެސް ނުދައްކާ.

  31
 3. ރަދީފް ހުސެން

  ތީ މިސަރުކާރުން ކުޅޭ ޑްރާމާގެ އިތުރު ބޮޅެއް. ތި ކަމެއް ނުވެސް ކުރާނެ އަދި ތި ޖައްސާ ޗަރުކޭސްބަލާނެ އާންމު ރައްޔިތަކުނެތް

  18
 4. ާައަހުމަދު

  އެމްއެމްޕީރސީ މައްސަލަ ބަލާފާނެތީ މިތެޅި ފޮޅެނީ

  16
 5. ޗޮއްޕަޓު

  ކަލޭތަ ދިނީ 65 ގޮނޑި؟ ކަލެއަށް ގޮނޑި ދީފަ ތިހިރީ ގެރިބުދު ގައުމަކަށް
  މި ގައުމު އަޅުވެތި ކުރުމުގަ ބައިވެރިވެ ވާގިވެރި ވާކަށް ނޫނޭ އިނގޭ!

  16
 6. ކަޅުބެ

  އެކަމެއްނޭނގުނު 65 ގޮނޑި ދިނީ އެއްނޫން މަކަރާޖަހައިގެން ކަރުދާސް ތަކުގަ ފޮހެވޭ ދެލިއުނގުޅައިގެން ހޯދީ އެހެންނޫންނަމަ ރަށްޔަތުންނަށް ފައިދާހުރި ކަންކަން ތިޔަ މަކަރު މަޖިލީހުން ނިންމީސް ކޮބާތަ ރެސޯޓުބޯއިންނަށް ހޯދަދޭންބުނި މިނިވަންވޭޖު ބޮލާލާޖެހީ އެއްކަމެއްވެސް ނުވި ސޯލިހުގެ މެންބަރުން ތިބީ ގޮނޑިހޫނުކުރަން ފޮޑިތަޅަން..

  10