މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި މައްސަލަތަކުގެ ތެރެއިން ފާއިތުވެ ދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ މައްސަލަތައްކަން ހާމަވެއްޖެއެވެ.

އޭސީސީން މިއަދު ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ 159 މައްސަލައެއް ވަނީ ބަލާ ނިންމާފައިވެއެވެ. 2017 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ 185 މައްސަލައެއް ބަލާ ނިންމާފައިވެއެވެ.

މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތުކުރެވޭ މައްސަލަތަކެވެ. އެގޮތުން، ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތުކުރެވޭ 65 މައްސަލައެއް ނިންމާފައިވާކަން ފާހަގަ ކުރެވެއެވެ.

އަދި ޤަވާޢިދާ ޚިލާފުވުމުގެ 42 މައްސަލައެއް ނިންމާފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ޤަވާޢިދާ ޚިލާފުވުމުގެ މައްސަލަތަކެވެ.

މީގެއިތުރުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ތުހުމަތުކުރެވޭ 17 މައްސަލައަކާއި، ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުކުރެވޭ 03 މައްސަލައަކާއި، ރިޝްވަތުގެ ތުހުމަތުކުރެވޭ 02 މައްސަލައަކާއި، ދައުލަތުގެ މުދަލާއި ފައިސާއަށް އިހުމާލު ވުމުގެ ތުހުމަތުކުރެވޭ 02 މައްސަލައަކާއި އަދި ހެކިފޮރުވުމުގެ ތުހުމަތުކުރެވޭ 01 މައްސަލަ ވެސް މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުންވަނީ ބަލާ ނިންމާފައެވެ.