ކ. އަތޮޅު ދިއްފުށިން މީހަކު ކޮވިށް-19 އަށް ފައްސިވެއްޖެ އެވެ.

ދިއްފުށީ ކައުންސިލުން މިކަމާއި ގުޅިގެން ރޭ ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ، އެރަށުން ކޮވިޑް-19 އަށް ފައްސިވީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ހަމަތަކާއި އެއްގޮތަށް ހޯމް ކަރަންޓީނުވެފައިވާ ފަރާތެއް ކަމަށެވެ. ނަމަވެސް އޭނާ އާއި ބެހޭ އިތުރު މަޢުލޫމާތެއް ކައުންސިލުން ހާމައެއް ނުކުރެއެވެ.

މި މީހާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ، ހޯމް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަކުރުމަށްފަހު ކުރި ޓެސްޓުގެ ނަތީޖާއިންނެވެ. އޭނާ މި ބައްޔަށް ފައްސިވީ އިއްޔެއެވެ.

މިއީ ދިއްފުށިން މީހަކު ކޮވިޑް-19 އަށް ފައްސިވީ ފުރަތަމަ ފަހަރެވެ.

މިކަމާއި ގުޅިގެން ދިއްފުށީ ކައުންސިލުން ވަނީ އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތީން، ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމަށް ރަށުގެ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

"ހަމައެއާއެކު، ސްކޫލްތައް ކައިރިއަށާއި، މިސްކިތްތަކަށާއި، ހޯޓާ/ކެފޭ/ރެސްޓޯރެންޓްތައް ފަދަ ތަންތަނަށް، އަދި މީހުން އެއްވެ އުޅޭ މިނޫންވެސް ތަންތަނަށް ޒިޔާރަތްކުރުމުގައި މާސްކު އެޅުއްވުމަށާއި ސަލާމަތީ އެހެންވެސް ފިޔަވަޅުތަކެއް އެޅުއްވުމަށް ނަސޭހަތްތެރިވަމެވެ." ދިއްފުށީ ކައުންސިލުން ވިދާޅުވިއެވެ.

ކ. ދިއްފުށީގެ އިތުރު އެ އަތޮޅު މާފުއްޓާއި ގުޅި އާއި ތުލުސްދޫ އަދި ހިންމަފުށިންވެސް މީގެ ކުރިން ކޮވިޑް-19 ގެ ވޭދަނަތައް ފެންމަތިވެފައި ވެއެވެ.

މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، މާލެއިން ރަށްރަށަށް ދަތުރުކުރާ ގިނަ ބަޔަކު ފާއިތުވެދިޔަ ދުވަސްތަކުގައި ފައްސިވަމުން ދެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް އަތޮޅުތެރެއިން ކޮވިޑް-19 ގެ 12 ވޭދަނަ (ކޭސް) ފެންމަތިވިއެވެ. އަދި މާލެ ސަރަޙައްދުން އެކަނިވެސް ބަލީގެ 121 ވޭދަނަ ވަނީ ފެންމަތިވެފައެވެ.

އިއްޔެ އިތުރު 133 މީހަކު ހިމެނޭހެން މިހާތަނަށް ރާއްޖެއިން 6912 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ ތެރެއިން 2588 މީހަކަށް ފަރުވާދެމުން ދާއިރު، 171 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ 4297 މީހުންނެވެ. މި ބަލީގައި މިހާތަނަށް 27 މީހަކު ވަނީ ނިޔާވެފައެވެ.