ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން މި ދައުރުގެ ޖަލްސާތައް މި މަހުގެ ނިޔަލަށް ހަމަވާއިރު މަޖިލީހުގައި މުހިއްމު ބައެއް މަސައްކަތްތައް އޮތުމުން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ދައުރު ދިގު ކުރަން މަޖިލީހުން ފާަސްކޮށްފިއެވެ.

ގަވާއިދުގައި ކަނޑައެޅިފައި އޮންނަ މިންވަރަށް ވުރެ އިތުރު އެއް ހަފުތާއަަށް މަޖިލީހުގެ މި ދައުރު ދިގު ކުރަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

މިއަދު ހެނދުން ފަށައިގެން ކުރިއަށްދާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމެނޭ ހުރިހާ ކަމެއް ނިމުމަށް ފަހުގައި، އީވާ ވިދާޅުވީ ދާދި ފަހުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއަށް ރުހުން ދިނުމުގެ މައްސަލަ މިއަދަށް ނިމެން ނެތް ކަމަށެވެ.

އީވާ ވިދާޅުވި ގޮތުގައި މައުސޫމްއަށް ރުހުން ދިނުމުގެ މައްސަލަ މަސް ދުވަހަށް މަޑުޖައްސާލަން ގާނޫނު އަސާސީގައި ހުރަހެއް ނެތެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ ޓޫރިޒަމް ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގައި މިނިސްޓަރަށް މަޖިލީހުން ވީހާވެސް އަވަހަކަށް ރުހުން ދިނުމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އީވާ ހުށަހެޅުއްވުމާ އެއް ގޮތަށް މަޖިލީހުގެ މި ދައުރު އިތުރު ހަފުތާއަކަށް ދިގު ކުރަން ފާސްކުރީ 64 މެންބަރުންގެ ވޯޓުންނެވެ. ދައުރު ދިގު ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން، ގަވާއިދުގައި ކަނޑައެޅިފައި އޮންނަ މުއްދަތަށްވުރެ ކޮންމެ ދައުރެއްގެ މުއްދަތު ދިގުކޮށްފައިވާއިރު، މި އަހަރުގެ ފުރަތަމަ ދައުރު ވަނީ ޗުއްޓީއަށް ވެސް ނުދާ ގޮތަށް ދިގުކޮށްފައެވެ. މި އަހަރުގެ މިހާތަނަށް އައިރު މަޖިލިސް ޖަލްސާތައް މެދުކަނޑާލައި ޗުއްޓީއަކަށް ގޮސްފައެއް ނުވެއެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު 42 ޖަލްސާ ބޭއްވިއިރު، ދެވަނަ ދައުރުގެ މިހާތަނަށް 33 ޖަލްސާ ބާއްވާފައިވެއެވެ. ޖުމުލަ 75 ޖަލްސާ ބޭއްވިއިރު މެދުކެނޑުމެއް ނެތި ހަ މަސް ދުވަސް ވަން ދެން މަޖިލީހުގެ ޖަލްސާތައް މި ދަނީ ކުރިއަށެވެ.

މިއީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން މިހާ ދިގު މުއްދަތަކަށް މިހާ ގިނަ ޖަލްސާއެއް މެދުކެނޑުމެއް ނެތި ބާއްވަމުންދާ ފުރަތަމަ ފަހަރެވެ.

ޓޫރިޒަމް މިނިސްޓަރ މައުސޫމްއަށް ރުހުން ދިނުމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ މި ދައުރު ދިގު ކުރަން ޖެހުނުއިރު، މީގެ ކުރިން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންބަރު ބަލާ ކޮމިޓީން ރުހުން ދޭން ފާސްކޮށް ތަޅުމަށް މައްސަލަ ވެސް ގެނުވިއެވެ.

އެކަމަކު ވަޒީރު ކަމުގެ ހުވާ ކުރެއްވިއިރު ވިޔަފާރިއެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމެއްގައި ހުންނެވުމުން ވަޒީރު ކަމުގެ ހުވާގެ ގާނޫނީ ސައްހަ ކަމާ މެދު ސުވާލު އުފެދުނެވެ. ދެން މަޖިލީހުގެ ކޮމިޓީން ނިންމީ މައުސޫމް އަލުން ހުވާ ކުރެއްވުމަށް ރައީސް ސޯލިހްއަށް ލަފާ ދެއްވުމަށެވެ. މިއަދު އަލުން ދެވަނަ ފަހަރަށް މައުސޫމް ހުވާ ވެސް ކުރެއްވިއެވެ.