މިިދިޔަ ހުކުރު ދުވަހު އަވަހާރިވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހުސައިން މުހައްމަދުގެ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފިއެވެ؛.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި، ހުސައިން މުހައްމަދުގެ ހަނދާނުގައި މަޖިލީހުގެ އިދާރާގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާލާނެ ކަމަށެވެ. އަދި އެ ދަފްތަރުގައި ސޮއި ކުރުމުގެ ފުރުސަތު އާންމު ކޮންމެ މީހަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ ޖަލްސާގައި ވަނީ ހުސައިން މުހައްމަދުގެ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހިމޭން ކަމުގެ ސުކޫތެއް ގެނެސްފައެވެ. އެ ސުކޫތުގައި މަޖިލީހުގައި ތިއްބެވި މެމްބަރުން ކޮޅަށް ތެދުވެ މިނިޓެއްހާ އިރު މަޑު ކުރެއްވިއެވެ.

މަތިވެރި ދާއިރާގެ މެމްބަރު ކަން ކުރެއްވި ހުސެއިން މުހައްމަދު.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ވަޑައިގެންނެވުމުގެ ކުރިން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެކި އިސް މަގާމުތައް ހުސައިން މުހައްމަދު ފުރެއްވިއެވެ. އެ ގޮތުން އީޑީސީގެ އެކިއެކި މަގާމުތަކާއި، އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވިއެވެ.

ހުސައިން މުހައްމަދު ސިޔާސީ ދާއިރާ އިން ފެންނަން ފެށީ 2005 ވަނަ އަހަރުން ފެށިގެންނެވެ. ވިދިވިދިގެން 3 ދައުރުގައި މަޖިލީހުގެ މެންބަރުކަން ކުރެއްވިއެވެ. އެގޮތުން 2005 ވަނަ އަހަރުން ފެށިފެން 2009 ވަނަ އަހަރުގެ ނިޔަލަށް އަރި އަތޮޅު އުތުރުބިރީގެ މެންބަރުކަން ކުރެއްވެވިއެވެ. އަދި 2009 އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވެވިއެވެ.

ހުސައިން މުހައްމަދު ވަނީ އޭގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އޭނާ ނޫސްވެރިކަމުގެ މަސައްކަތް ފެއްޓެވީ އާދައިގެ ނޫސްވެރިއެއްގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ އަޑާއި އާފަތިސް ނޫހުގައިވެސް ގިނަ ދުވަސްތަކެއްވަންދެން ބޭރު ދުނިޔޭގެ ޚަބަރުތައް ހުސައިން މުހައްމަދު ލިޔުއްވާފައިވެއެވެ. ފަހުން ޓީވީއެމްގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމާއި ޑިރެކްޓަރު އޮފް ޕްރޮގްރާމްސްގެ މަގާމުގެ އިތުރުން ޓީވީއެމްގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް ފުރުއްވިއެވެ.