ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އެޗްއާރުސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަންނަވާނީ މި މަހުގެ 21، 22 އަދި 23 ވަނަ ދުވަހުގައެވެ. އެއިން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށް ރައީސް އޮފީހުންނެވެ.

އެޗްއާރުސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

އެޗްއާރުސީއެމްގެ މެންބަރު ކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ މެންބަރެއްގެ މަގާމުގެ ދައުރުގެ މުއްދަތު ހަމަވާތީ އަދި ކޮމިޝަންގައި ހުސްވެފައިވާ އިތުރު މަގާމަކަށް ކުރިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން މީހަކު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައި ނުވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އައިމިނަތު އީނާސްއާއި، މެންބަރު ކަން ކުރެއްވި އައިޝަތު އަފްރީންއާއި މޫސާ އަލީ ކަލޭފާނު ވަނީ އިސްތިއުފާ ދެއްވުމުންނާއި، ނައިބު ރައީސް ކަމުގައި ހުންނެވި މުވައްޒަދު ޒާހިދު ވަކިކުރަން މަޖިލީހުން ފާސްކުރުމުން ހަތަރު މަގާމެއް ހުސްވެގެން ދިޔައެވެ.

އެކަމަކު މަޖިލީހުން ރުހުން ދިނުމަށް ފާސްވެގެން ދިޔައީ ތިން ނަމަކަށެވެ. އެއީ ސ. ފޭދޫ ޑޯރެންސީވިލާ، އައިމިނަތު ޝަފާއަތު އަބްދުއް ރައްޒާގް، މއ. ޖިއެނާ މުއުމިނާ ވަހީދު އަދި މއ. މާވެޔޮގެ، ޑރ. އަހުމަދު އަދުހަމް އަބްދުﷲ އެވެ. މިހާރު ހުސްވެފައިވާ ހަތަރުވަނަ މަގާމަށް ނަމެއް ފާހެއް ނުވެއެވެ.

ކޮމިޝަންގައި ދެން އިންނެވި ނައިވީން އަބްދުﷲގެ މަގާމުގެ ދައުރު ވެސް އަންނަ މަހުގެ ތެރޭގައި ހަމަވާތީ އެއީ ވެސް ހުސްވާ މަގާމެކެވެ. އެ މަގާމު ހުސްވާތީ ކުރިމަތިލާން ކުރިން ވެސް ހުޅުވާލިއެވެ. އެކަމަކު އެ މަގާމަށް މަޖިލީހުން މީހަކަށް ރުހުން ދީފައެއް ނުވެއެވެ.